ޚަބަރު

ތ އަތޮޅު ބިންހިއްކުމުގެ މަޝްރޫއު މި މަހުގެ ތެރޭގައި ނިމޭނެ


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމް.ޓީ.ސީ.ސީއާ ޙަވާލުކުރައްވައިގެން ސަރުކާރުން ހިންގަވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ތ. އަތޮޅު މަޑިފުށި ބިން ހިއްކުމުގެ މަސައްކަތް މިމަހުގެތެރޭގައި ނިންމާ ސަރުކާރާ ޙަވާލު ކުރާނެކަމަށް އެކުންފުނިން ބުނެފއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމް.ޓީ.ސީ.ސީގެ ޖެނެރަލް މެނޭޖަރ އަޙުމަދު ސަޢީދު ވިދާޅުވީ ސަރުކާރުން އެ ކުންފުންޏާ ޙަވާލުކުރައްވާފައިވާ ބިންހިއްކުމުގެ 5 މަޝްރޫޢުއެއްގެ މަސައްކަތް މިހާރު ވެސް އެކުންފުނިން ކުރިޔަށްގެންދާ ކަމަށެވެ. މި 5 މަޝްރޫޢުގެ ތެރެއިން ތ. މަޑިފުށި ފިޔަވާ، ދެންހުރި 4 ރަށުގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރިޔަށް ދާކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީން ޙަވާލުވެފައިވާ ބިން ހިއްކުމުގެ 5 މަޝްރޫޢަށް ސަރުކާރުން ގާތްގަޑަކަށް 384 މިލިޔަން ރުފިޔާ ޚަރަދު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ބިންހިއްކުމުގެ އިތުރުން ބަނދަރު ހެދުމުގެ 40 މަޝްރޫޢެއް މިހާރު ކުރިޔަށްދާކަމަށްވެސް އަހުމަދު ސަޢީދު ވިދާޅުވިއެވެ. މީގެ އިތުރުން ތަފާތު 70 ޕްރޮޖެކްޓެއްގެ މަސައްކަތް އެމް.ޓީ.ސީ.ސީން ޙަވާލުވެގެން ކުރިޔަށް ގެންދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި 70 ޕްރޮޖެކްޓްގެ މަސައްކަތަށް ގާތްގަޑަކަށް 2.5 ބިލިޔަން ރުފިޔާ ޚަރަދުވާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އެމް.ޓީ.ސީ.ސީން ކުރިޔަށް ގެންދާ 70 ޕްރޮޖްކްޓްގެ ތެރޭގައި ބަނދަރު ހެދުމާއި ބިންހިއްކުމުގެ މަޝްރޫޢުތައް ހިމެނެއެވެ. އަދި މަގު ހެދުމާއި އިމާރާތް ކުރުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތުގެ އިތުރުން، އިތުރު އެހެނިހެން މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.