ޚަބަރު

ބ.ތުޅާދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި


  • ތުޅާދޫގައި މިހާރު ހުންނަނީ ސިއްޙީ މަރުކަޒެެއް

  • މަދު ޚިދުމަތްތަކެއް ދޭ ޞިއްޙީ މަރުކަޒުގައި މިހާރު ޚިދުމަތް ދެނީ މެޑިކަލް އޮފިސަރުން އެކަނި

  • ތުޅާދޫގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެއް

ބ.އަތޮޅު ތުޅާދޫގައި ސަރުކާރުން އިމާރާތްކުރާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އާއި ތުޅާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާދިލުގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމްވަނީ ސަރުކާރުން ސިއްޙީ ނިޒާމް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތައް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. ހެލްތު މިނިސްޓަރ ވިދާޅުވީ ތުޅާދޫގައި ހޮސްޕިޓަލް އެޅުމުން އެރަށާ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށްތަކަށާއި ރިސޯޓްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެކަމަށެވެ.

"ވަރަށް ގިނަ ބުރަ މަސައްކަތްތަކެއް ސަރުކާރުން އެބަކުރޭ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް، ވަކިން ހާއްސަކޮށް އަތޮޅުތަކުގައި ހުރި އެންމެ ބޮޑެތި ހޮސްޕިޓަލުތަކާއި ސިއްޙީ މަރުކަޒުތަކުން ދެވޭ ޚިދުމަތް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިގެން ގޮސްފައި، އެކަމަށްޓަކައި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހަށް ހާއްސަ ޝުކުރު އަދާކުރަން" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތުޅާދޫ ސިއްޙީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޝަން އަޙުމަދު ރަޝީދު ވިދާޅުވީ މިކަމަކީ ތުޅާދޫ ރައްޔިތުން ކުރަމުން އައި އެންމެ ބޮޑު އުންމީދުކަމަށެވެ. ސިއްހީ ޚިދުމަތަށް ބޮޑު ހޭދައެއް ކުރާކަމަށާއި، ރައްޔިތުން ތިބީ ރަނގަޅު ސިއްޙީ ޚިދުމަތެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ. އަދި މިކަމުގެ ފައިދާ މުޅި އަތޮޅަށް ކުރާނެކަމާމެދު ޝައްކު ނުކުރައްވާކަމަށްވެސް އަޙުމަދު ރަޝީދު ވިދާޅުވިއެވެ.

"ސަބަބުތަކެއް ނެތިއެއް ނޫން އެތައް ގޮންޖެހުމެއް އެބައޮތް ރަނގަޅު ސިއްޙީ ޚިދުމަތެއް ނެތުމުން ރައްޔިތުން އުފުލަންޖެހޭ. ބަނޑުބޮޑު މީހާ ވިއްސާރަޔަސް ދާން ޖެހެނީ މާލެ ނުވަތަ އޭދަފުށްޓަށް މީ ރައްޔިތު މީހާއަތުން ބޮޑު ހޭދައެއް ހިނގާކަމެއް ރަށުގެ އާބާދީއަށް ބަލާފައި މިހާރު ފޯރުކޮށްދޭ ސިއްޙީ ޚިދުމަތަކީ، އެންމެ އެކަށޭނެ ސިއްޙީ ޚިދުމަތް ނޫން" ތުޅާދޫ ސިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓް އަހުމަދު ރަޝީދު ވިދާޅުވި.

ތުޅާދޫގައި ހޮސްޕިޓަލެއް އަޅައިދިނުމަކީ ރައީސް އިބްރާޙިމް މުހަމަދު ޞާލިޙްގެ ވައުދުފުޅެކެވެ.

ތުޅާދޫގައި މިހާރު ހުންނަނީ ސިއްޙީ މަރުކަޒެކެވެ. ޞިއްޙީ މަރުކަޒުގައި ވަރަށް މަދު ޚިދުމަތްތަކެއް ދެމުން އަންނައިރު ޞިއްޙީ މަރުކަޒުގައި މިހާރު ޚިދުމަތް ދެމުންދަނީ މެޑިކަލް އޮފިސަރުން އެކަންޏެވެ. މިރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރެއްވީ މިއަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ކަނޑައަޅާފައި އޮތް މުއްދަތަށް ހޮސްޕިޓަލުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން އެރަށުގައި މީގެކުރިން ކުރިއަށްގެންދިޔަ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ނިންމާލާފައިވަނީ ރައްޔިތުން ބޭނުންވިގޮތަށް ރައްޔިތުންގެ އެއްބާރުލުމާއެކުގަކަމަށާއި ހޮސްޕިޓަލުގެ މަސައްކަތްވެސް ރައްޔިތުންނާއި ގުޅިގެން މުއްދަތަށް ނިންމާލެވޭނެކަމަށެވެ.

"އެއީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތު ރައްޔިތުން ބޭނުންވާގޮތައް ގުޅިގެން މަސައްކަތް މި ރަސްމިއްޔާތުގައި ތުޅާދޫ ސިއްޙީ ޙިދުމަތައް ގިނަ ދުވަސްތަކެއް ވަންދެން ޙިދުމަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކޮށް ވަނީ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ.

އެކަމޮޑޭޝަން ބްލޮކެއްވެސް ހިމެނޭހެން ތަރައްޤީކުރާ މި ހޮސްޕިޓަލު އެޅުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 124 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 18 މަސް ނުވަތަ 540 ދުވަހެވެ.

ތުޅާދޫ ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި \ތުޅާދޫގައި ސިއްޙީ ހިދުމަތް ދެއްވުމުގެ މަސައްކަތުގައި އުޅުއްވި ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.