ޚަބަރު

އީދިގަލި ކިޅި ހިމެނޭ ސަރަޙައްދު އީކޯ ޓޫރިޒަމަށް ހުޅުއްވާލައްވަނީ


އައްޑޫ ސިޓީގެ ހިތަދޫ އީދިގަލި ކިޅި ހިމެނޭ ސަރަޙައްދު އީކޯ ޓޫރިޒަމަށް ހުޅުއްވާލެއްވުމަށް ކުރިއަށް ގެންދަވާ މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ފަށްޓަވައިފިއެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިދިޔަ މަހުގެ ނިޔަލަށް ވަނި ނިންމަވާފައެވެ. މި މަޝްރޫޢަކީ 7.27 މިލިއަން ރުފިޔާގެ ބަޖެޓަކުން ހިންގަވާ މަޝްރޫޢެކެވެ.

އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރެއްވުމަށް ހިންގަވާ އެންމެ ބޮޑު މަޝްރޫޢަކީ، އީދިގަލި ކިޅި ޙިމާޔަތްކުރައްވައި، އެތަން ތަރައްޤީކުރެއްވުމުގެ މަޝްރޫއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަވާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި މިހާރު ވަނީ ނިމިފައެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން، ކުރައްވާފައިވާ މައިގަނޑު މަސައްކަތްތަކަކީ އެ ސަރަޙައްދު ސާފުކުރައްވައި، ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތާއި، ސަރަޙައްދު ބަލަހައްޓާ ރޭންޖާސް ބައިތިއްބަވާނެ ހަޓުތައް ހެއްދެވުމާއި ޕިކްނިކް ސަރަޙައްދެއް ޤާއިމްކުރެއްވުމުގެ މަސައްކަތެވެ. ފުރަތަމަ ފިޔަވަހި މިދިޔަ މަހުގެ ނިޔަލަށް ނިމުމާއެކު މިހާރު ވަނީ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށްޓަވާފައެވެ.

އެންވަޔަރމަންޓް މިނިސްޓްރީއާ ޙަވާލާދެއްވާ އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ، ދެވަނަ ފިޔަވަހީގައި އެންމެ އިސްކަމެއް ދެއްވާނީ ތަން މެނޭޖްކުރައްވާނެ ގޮތުގެ ސިސްޓަމެއް އެކުލަވާލެއްވުމަށް ކަމަށެވެ. އަދި ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކުރައްވައިގެން، ވިޒިޓަރސް ސެންޓަރެއް ހައްދަވާނެކަމަށް ޞާދިޤް ވިދާޅުވިއެވެ. މީގެ އިތުރުން، އީދިގަލި ކިޅީގައި މަސް އާލާކުރެއްވުމާއި، ގަސް އާލާކުރެއްވުމަށް ނާސަރީއެއް ޤާއިމްކުރެއްވުންވެސް މި ފިޔަވަހީގައި ހިމެނެއެވެ. އަދި ދެމެހެއްޓެނިވި ގޮތަކަށް ތަން ބެލެހެއްޓެވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތައްވެސް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އީދިގަލި ކިޅި ހިމެނޭ ސަރަޙައްދު ތަރައްޤީވެގެންދާއިރު، އެފަދަ ތަންތަން ޙިމާޔަތްކުރެއްވުމަށް ފަރުދީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރުކުރެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ޞާދިޤް ވިދާޅުވިއެވެ.

އިދިގަލި ކިޅި، އީކޯ ޓޫރިޒަމަށް ޚާއްޞަ ކުރައްވައިގެން ތަރައްޤީ ކުރެއްވުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރައްވާފައިވަނީ ހިތަދޫގެ ސަދަން މޯލްޑިވްސް ކޮންޓްރެކްޓިން އެންޑް ޓްރޭޑިން ކޮމްޕެނީއާ ޙަވާލުކުރައްވައިގެންނެވެ. މި މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގައި ހިމެނޭ ވިޒިޓާސް ސެންޓަރު ހެއްދެވުމަށް ކޮންޓްރެކްޓަރަކު ހޯއްދެވުމަށް ވަރަށް އަވަހަށް ހުޅުއްވާލައްވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢަކީ ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގެ ދަށުން އުފައްދާފައިވާ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑުގެ ދަށުން ހިންގަވާ މަޝްރޫއެކެވެ.