ޚަބަރު

މަޙާޒާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލަ އިތުރަށް ކުރިއަށްނުގެންދިއުމަށް ނިންމަވައިފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަ އިތުރަށް ތަހުޤީގު ނުކުރެއްވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމަވައިފިއެވެ.

ޖޭއެސްއިން ތަހުޤީގު ކުރައްވަމުން ގެންދެވީ، 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހު ފަނޑިޔާރު މަޙާޒު ރިޔާސަތު ބެލެއްޓެވި މައްސަލައެއްގައި ހިމެނޭ ޚަޞްމަކާއި ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅަކާއި ހަވާލުވިކަމަށް ބުނާ މައްސަލައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީއާ ދެކޮޅަށް މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުއެވެ.

މި މައްސަލައިގައި ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ އެ ކޮމިޝަނުން ހިންގި ތަޙުޤީޤަށް ހޯދުނު މަޢުލޫމާތާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ސާފުކޮށްދެއްވާފައިވާ ޙަޤީޤަތްތަކަށް ރިޢާޔަތްކުރާއިރު، އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ ފަދަ ކަމެއް ހިނގާފައި ނުވާކަމަށެވެ. އެހެންކަމުން މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް، މިއަދު ބޭއްވި މިކޮމިޝަންގެ ޖަލްސާގައި ނިންމާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

މި މައްސަލައާއި ގުޅޭގޮތުން، ފަނޑިޔާރު މަޙާޒު ވިދާޅުވެފައި މިވަނީ މައްސަލަ އުފެދުނު ފަރިއްކޮޅަކީ އެ މަނިކުފާނު އަމިއްލަފުޅަށް ޚަރަދުކުރައްވައިގެން ގެންނެވި ފަރިއްކޮޅެއްކަމަށެވެ. އަދި އެ ފަރިކޮޅުގެ ބިލުތަކާއި ފައިސާގެ ރަސީދުތައްވެސް މީގެކުރިން މަހާޒް ވަނީ ހިއްސާކުރައްވާފައެވެ.