މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑުގެ 3 ވަނަ ޝޯވ މިރޭ


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ގާލާ ރައުންޑުގެ 3 ވަނަ ޝޯވ މިރޭ ޓީ.ވީ.އެމުން ދައްކާނެއެވެ. މި ޝޯވ އޮންނާނީ މިރޭ 10:30 ގައެވެ. މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑުގެ 3 ވަނަ ޝޯވ މިރޭ ޓީ.ވީ.އެމުން ދައްކާއިރު، މިރޭގެ ޝޯވގައި ގާލާ ރައުންޑުގެ ގަދަ 10ގައި ވާދަ ކުރާ ބައިވެރިންގެ ވަކި ވަކި ހުށައެޅުންތައް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. އަދި މިރޭވެސް ޝޯވ ދައްކާ ވަގުތުން ފެށިގެން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށް އެސް.އެމް.އެސް ކުރެއްވޭނެއެވެ.އެގޮތުން އެސް.އެމް.އެސް ކުރެއްވުމުގެ ފުރުސަތު މިރޭގެ ޝޯވދައްކާ ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ބެލުންތެރިން އެންމެ ގަޔާވާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރެއްވުމަށް MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއެއްގެ ނަން ޖެއްސެވުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރެއްވުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަ ވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ. މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ. ގާލާ ރައުންޑުގެ ފުރަތަމަ ޝޯވ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބާއްވާފައިވާއިރު، އެ ޝޯވގައި ވާދަކުރި ގަދަ 12 ބައިވެރިންގެ ތެރެއިން ދެވަނަ ޝޯވއަށް ނުދެވި ވަކިވާންޖެހުނު ބައިވެރިއަކީ މުހައްމަދު އިފްހާމް އަޝްފާޤެވެ. އަދި މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ގާލާ ރައުންޑުގެ ދެވަނަ ޝޯވ އިން މި މުބާރާތާއި ވަކިވެފައިވަނީ ފާތުމަތު ނައްބަތެވެ. ގާލާ ރައުންޑުގެ ޝޯވތަކުގައި ބައިވެރިން ލަވަ ހުށައަޅާފައިވަނީ ކޮންމެ ހަފްތާއަކަށްވެސް ކަނޑައަޅާ ވަކި ތީމަކަށެވެ. އެގޮތުން ގާލާ ރައުންޑުގެ ފުރަތަމަ ޝޯވގައި އެ ބައިވެރިއަކަށް އެންމެ ރީތި ލަވަ ހުށައަޅާދީފައިވާއިރު، ދެވަނަ ޝޯވގައި ބައިވެރިންގެ ފަރާތުން ފެނިގެންގޮސްފައި ވަނީ 1980ގެ އަހަރުތަކުގައި ދިވެހިންގެ ތެރޭގައި މަޝްޙޫރުވެގެން ދިޔަ ހިތްގައިމު ރީތި ލަވަތަކެކެވެ.މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެމޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް އެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި މޯލްޑިވިއަން އައިޑަލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް އެޗްޑީކޮށް މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.