ފުލުހުންގެ އައު އިމާރާތެއް މިއަދު މާލޭގައި ހުޅުވައިފިއެވެ. މިއިމާރާތަށް ނަންދީފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރަނިކޮށް ޝަހީދުވި ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައެވެ.
ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ހުޅުއްވާދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲއެެވެ.
ސާޖަންޓް އާދަމް ޙަލީމް ޝަހީދުވީ 23 ޖުލައި 2012ވަނަ ވަނަ ދުވަހު ރޭ ރަސްމީ ޑިއުޓީގައި ކާށިދޫ ޕޮލިސް ސްޓޭޝަނަށް ދިޔަ މަގުމަތީގައި ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގޭބަންދުގައި ހުރި މީހަކު ޤަވާއިދާ ޚިލާފަށް ބޭރަށް ނުކުމެ އުޅޭތީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ގައުމީ ވާޖިބު އަދާކުރުމުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުންނެވެ.
ސާޖަންޓް އާދަމް ހަލީމް މި ދުނިޔެއާ ވަކިވެގެން ދިޔައީ ހިތްވަރުގަދަ ކެރޭ ފުލުހެއްކަން ސާބިތުކޮށްދީފައެވެ. އާދަމް ހަލީމް ޝަހީދުވުމުން އޭނާގެ ހިތްވަރުގަދަ މަތިވެރި ގައުމީ ވާޖިބުގެ އަގުވަޒަން ކުރައްވައި ޕޮލިސް ލާންސް ކޯޕްރަލްގެ މަގާމުން ޕޮލިސް ސާޖަންޓެއްގެ މަޤާމަށް ކުރިއެރުންދެއްވައި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އޭނާއަށް ވަނީ ދެއްވާފައެވެ. ސާޖަންޓް އާދަމް ހަލީމް ވަނީ ފުލުހުންގެ ޚިދުމަތުގައި ހަތް އަހަރާ ފަސް މަހާ ސައްބީސް ދުވަހު ޚިދުމަތް ކޮށްދެއްވާފައެވެ.
ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.