ޚަބަރު

މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން، އަންގާރަ ދުވަހުގެރޭ


  • މިފަހަރު ބައްދަލުވުން ބާއްވަވަނީ އިސްލާމީ މަރުކަޒު މައިދާނުގަ

  • މިބައްދަލުވުމަށް ދައުލަތަށް ޚިދުމަތްކުރި ގިނަ ބޭފުޅުންނަށް ގެންދަވަނީ ދަޢުވަތު ދެއްވަމުން

  • މިރަސްމިއްޔާތުގައި ބޭރުގެ ބައެއް އިއްޒަތްތެރިވެސް ބައިވެރިވެ ވަޑައިގަންނަވާނެ

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން، ޖުލައި މަހުގެ 25ވާ އަންގާރަ ދުވަހުގެރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. މިފަހަރު ބައްދަލުވުން ބާއްވަވަނީ އިސްލާމީ މަރުކަޒު މައިދާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން ޢިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި، ޝަރުޢީ ދާއިރާއާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، އެކި ކޮމިޝަންތަކުގެ މެންބަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވަނީ ދަޢުވަތު ދެއްވާފައެވެ.

އަދި ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި، ސިވިލް ސަރވިސްއާއި، ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

އަދި ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި އެނޫން އެހެން ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށާއި، ޒުވާނުންނަށާއި، އަންހެން ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށާއި، ޔުނިވަރސިޓީއާއި ކޮލެޖުތަކާއި އަދި ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ރަސްމީ ބައްދަލުކުރެއްވުމަށް ދަޢުވަތު އަރުވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިނިވަންދުވަހުގެ ރަސްމިއްޔާތަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިންވެސް، މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ބާއްވަވާ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.