ދުނިޔޭގެ ވިޔަފާރި

ބްރެޒިލްގައި އުދުހޭ ޓެކްސީ ތައާރަފްކުރަނީ


  • މިއީ ތިމާވެއްޓާއި ރަށްޓެހި އިލެކްޓްރިކް ވެހިކަލްތަކެއް

  • 2026 ވަނަ އަހަރު މި ޓެކްސީތައް ހިދުމަތަށް ނެރެން ދަނީ މަސައްކަތްކުރަމުން

ބްރެޒިލްގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމަށް އުދުހޭ ކާރުތަކެއް އުފެއްދުމުގެ މަސައްކަތް ފަށަން އެ ޤައުމުގައި އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ކުންފުންޏަކުން ތައްޔާރުވެއްޖެއެވެ.

މަތިންދާބޯޓު އުފައްދާ ބްރެޒިލްގެ ކުންފުންޏެއްކަމަށްވާ އެމްބްރޭސަރއިން ބުނީ ފްލައިންގ ޓެކްސީ ނުވަތަ އުދުހޭ ޓެކްސީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އިލެކްޓްރިކް ކާރުތައް އުފެއްދުމުގެ މަސައްކަތަށް ސައުޕައުލޯގައި ފެކްޓަރީއެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ.

އެމްބްރޭސަރއިން ބުނީ މި މަސައްކަތް ކުރާނީ އެ ކުންފުނީގެ ސަބްސިޑަރީއެއްކަމަށްވާ އީވް ނަމަކަށް ކިޔާ ކުންފުންޏަކުންކަމަށެވެ. އަދި ހެލިކޮޕްޓަރަކާއި ވައްތަރުވާ ގޮތަށް ޑިޒައިންކޮށްފައިވާ މި އެއަރކްރާފްޓްގައި 6 މީހުންގެ ޖާގަ ހުންނާނެކަމަށްވެސް މި މަސައްކަތްކުރާ ކުންފުނިން ބުނެއެވެ. އެމްބްރޭސަރއިން މަސައްކަތް ކުރަމުންދަނީ ކާރު އުފެއްދުމަށްފަހު ކުރިއަށް އޮތް 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ފަށަންކަމަށް ހަބަރުތައް ބުނެއެވެ.

މި އުދުހޭ ޓެކްސީގެ ދަތުރެއް އުޅޭނީ 50 ޑޮލަރާއި 100 ޑޮލަރާއި ދެމެދުގެ އަގެއްގައިކަމަށާއި، މިއަހަރު ތެރޭގައި ފުރަތަމަ ފްލައިންގ ޓެކްސީ ދައްކާލާނެކަމަށްވެސް އެމްބްރޭސަރއިން ބުނެއެވެ.

މަތިންދާ ބޯޓަކަށް ނައްޓާލަން، ނުވަތަ ޖައްސަން ރަންވޭއެއް ބޭނުންވިޔަސް މި އެއަރ ކްރާފްޓަށް ރަންވޭއެއް ބޭނުމެއް ނުވާނެއެވެ. ނަމަވެސް މަތިންދާބޯޓުތައް ފަދައިން ދިގު ދަތުރުތައް ކުރެވޭނެކަމަށް މި އެއަރ ކްރާފްޓް އުފައްދާ ކުންފުނިން ބުނެއެވެ. އަދި އިންޖީނުތަކެއްގެ ބަދަލުގައި އިލެކްޓްރިކް މޯޓަރުތަކެއް ހުރުމުން މަތިންދާބޯޓާއި އަޅާބަލާއިރު އަޑު މަޑުވުމުގެ އިތުރުން ޖައްވަށް ވިހަ ގޭހެއް މި އެ ކްރާފްޓަކުން ބޭރެއް ނުކުރާނެއެވެ.

ބްރެޒިލްގެ އިތުރުން އެހެން ބައެއް ޤައުމުތަކުގައިވެސް ދަނީ އެއަރކްރާފްޓްތައް ބޭނުންކޮށްގެން ޑްރޯން ޓެކްސީ އާއި ފްލައިންގ ޓެކްސީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.