ޚަބަރު

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މާދަމައިން ފެށިގެން އަންނަ މަހުގެ 7 އަށް ފުރުސަތު ވަނީ ހުޅުވާލާފައި

  • ފޯމުތައް ބަލައި ގަންނަނީ އިންތިޚާބީ މައި އިދާރާ ދަރުބާރުގެެއިން

  • ކުރިމަތިލާ ކެނޑިޑޭޓުން ރަސްމީ އެޖެންޓެއް ކަނޑައަޅަންޖެހޭ

  • ޚަރަދު ކުރެވޭނީ ކުިރމަތިލާ ކެނޑިޑޭޓެއްގެ ނަމުގައި ހުޅުވާ އެކައުންޓަކުން

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، މާދަމާ ހެނދުނު 9:00 ން ފެށިގެން އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 7ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.

އިންތިޚާބުގައި ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް:

* ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން
* މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
* ޢުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކު ކަމުގައިވުން
* ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން
* އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ޚަލާޞްނުކޮށް ހުރި މީހަކު ކަމުގައި ނުވުން
* ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން
* މި ބައިގެ (ޅ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން

އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންޖެހެއެވެ.

ރިޔާސީ އިންތިޚާބު 2023 ގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ޚަރަދު ކުރެވޭނީ އެ ކެނޑިޑޭޓެއްގެ ނަމުގައި އެކައުންޓެއް ހުޅުވައިގެން ކަަމަށް އިލެކްޝަންސް ކޮމިޝަން ވަނީ ވިދާޅުވެފައެވެ. އަދި މިފޯމަކީވެސް މިފަހަރު އިންތިޚާބަށް ކުރިމަތިލާ ފޯމުތަކުގެ ތެރޭގައި އިލެކްޝަނުން ހިމަނުއްވާފައިވާ ފޯމެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކޮންމެ ކެނޑިޑޭޓެއްގެ އިންތިޚާބާއި ގުޅޭ އެންމެހާ ޚަރަދުތައް ކުރުމަށްޓަކައި، އެކަމަށް ޚާއްސަ ކުރާ ބޭންކް އެކައުންޓެއް (އަލަށް ހުޅުވާ އެކައުންޓެއް) ރާއްޖޭގައި ހިންގާ ބޭންކެއްގައި، ކެނޑިޑޭޓުގެ ނަމުގައި، ހުޅުވަންވާނެ ކަމަށެވެ.

އިންތިޚާބަށް ކެނޑިޑޭޓުން ކުރާ ޚަރަދުތަކަކީ ދެފުށް ފެންނަ ގޮތަކަށް ކުރެވޭ ޚަރަދުތަކަށް ހެދުމަށް އޮޑިޓަރ ޖެނެރަލް އޮފީހުންވެސް ޚާއްސަ ގައިޑްލައިނެއް ނެރުއްވާނެއެވެ. އިންތިޚާބުގައި ކުރިމަތިލާ ކެނޑިޑޭޓުން ފީއެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދައްކަން ޖެހެއެވެ.

އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާފައެވެ. ރީ-ރަޖިސްޓްރޭޝަން ނިމޭނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ކެނޑިޑޭޓް ނަންބަރު ކަނޑައެޅުން އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ.