ޚަބަރު

ބޭސްފަރުވާގެ މުއްދަތު އިތުރުކުރެއްވުމަށް އަދީބު ހުށަހަޅުއްވައިފި


  • އަދީބްވަނީ ކަރެކްޝަނަށް ފަރުވާގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާފަ

  • މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމާނީ ކަރެކްޝަންގެ މެޑިކަލް ބޯޑުން

  • އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ޢާއިލާއިން ވިދާޅުވޭ

  • އަދީބް ގެންދަވަނީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން

ރާއްޖޭން ބޭރުގައި ބޭސް ފަރުވާކުރެއްވުމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ދެއްވާފައިވާ މުއްދަތު އިތުރު ކޮށްދެއްވުމަށް ހުށަހަޅުއްވައިފިއެވެ.

އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އަދީބު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ ވިދާޅުވެފައެވެ. ބޭސްފަރުވާއަށް އަދީބަށް ދެއްވި 10 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާނެއެވެ.

ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބުގެ ފަރާތުން މެޑިކަލްގެ މުއްދަތު އިތުރު ކުރެއްވުމަށް ކަރެކްޝަނަށް ހުށަހަޅުއްވާފައިވަކަމަށެވެ. އަދީބް ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކަށް ބެއްލެވުމަށްފަހު ގޮތެއް ނިންމާނީ މެޑިކަލް ބޯޑުން ކަމަށް ކަރެކްޝަންގެ އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް މީގެ ކުރިން ބޭސްފަރުވާއަށް ދާ ގައިދީންނަށްވެސް ދެވޭ މުއްދަތުގައި ފަރުވާ ނުނިމެއްޖެނަމަ އިތުރު މުއްދަތު ދޭކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެކަމަށް ދޫކުރައްވާފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.

އަދީބު ނިސްބަތްވެވަޑައިގަންނަވާ އެމްޓީޑީން ބުނީ އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުންކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ނޫންކަމަށްވެސް އަދީބުގެ އާއިލާއިން ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.