ޚަބަރު

އަލަށް ތައާރަފްވަމުންދާ ކުށްތައް ހައްލު ކުރުމަށް އުފެއްދުންތެރި އައު ހައްލު ހޯދަންޖެހޭ: ސީޕީ


  • ފުލުހުންގެ މަސައްކަތުގައި ކުރިއަށް ދެވޭނީ މި މަސައްކަތަށް ޚާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައިގެން

  • އަލަށް ތައާރަފުވަމުން އަންނަ ކުށްތަކަށްވެސް އުފެއްދުންތެރި އައު ހައްލުތައް ހޯދަންޖެހޭ

  • އިންސްޕެކްޓަރުން ތަމްރީންކުރުމަށް ހިންގި ކޯހުގައި 41 ފުލުހުން ބައިވެރިވި

ރާއްޖެއަަށް އަލަށް ތައާރަފްވަމުންދާ ކުށްތައް ހައްލު ކުރުމަށް އުފެއްދުންތެރި އައު ހައްލު ހޯދަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ސީޕީ ހަމީދު މިހެން ވިދާޅުވީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ދެވަނަ ”އިންސްޕެކްޓަރ ކޯސް” ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ މަސައްކަތުގައި ކުރިއަށް ދެވޭނީ މި މަސައްކަތާ ދޭތެރޭ ވަރަށް ޚާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައި އެޝައުގުވެރިކަން ދަމަހައްޓައިގެންކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަށްވެސް ބޭނުންވަނީ މުސްތަގުބަލުގެ ތްރެޓްތަކާއި އާންމު ރައްކާތެރިކަމަށް ހުރި ރިސްކުތައް ދަށްކުރުމަށް ހައްލު ހޯދޭނެ ގާބިލުކަމާއި ހުނަރު ހުރި ފުލުހުންކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ބަވަނަ ވަމުން، ބަދަލުވަމުންދާ ދުނިޔެއެއްގައި، އަލަށް ތައާރަފުވަމުން އަންނަ ކުށްތަކަށްވެސް އުފެއްދުންތެރި އައު ހައްލުތައް ހޯދަންޖެހޭކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

މެއި 17 އިން ޖުލައި 19 އަށް ކުރިއަށް ގެންދިޔަ މިކޯހުގައި ފުލުހުންގެ ގާނޫނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތައް، ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ވަނީ ކިޔަވައިދީފައެވެ.

އިންސްޕެކްޓަރުން ތަމްރީންކުރުމަށް ހިންގި މިކޯހުގައި 41 ފުލުހުން ބައިވެރިވިއެވެ. އިންސްޕެކްޓަރ ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑް ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހެކެވެ.