ދުނިޔެ

ސުލްޙައިގެ މަޝްވަރާތަކުން ޙައްލެއް ލިބޭނެކަމުގެ އުއްމީދެއްނެތް


ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނިންމުމަށް އަންނަ ހަފްތާގެ ތެރޭގައި މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވާއިރު، މަޝްވަރާތަކުގެ ސަބަބުން ސޫރިޔާއަށް ދާއިމީ ސުލްޙައެއް ލިބޭނޭކަމަށް ނުބެލެވޭ ކަމަށް އެގައުމުގެ ގިނަ ރައްޔިތުން ބުނެފިއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް މިހާރު ފަސް އަހަރުވެފައިވާ އިރު، މި ހަނގުރާމައިގެ ސަބަބުން އެތައް ބަޔަކު ހާލުގައި ޖެހިފައިވެއެވެ. އަދި، ވިލާތުގެ ގައުމުތަކަށް ސޫރިޔާއިން ހިޖުރަކުރާ ރެފިއުޖީންގެ މައްސަލަ ކުރިމަތިވެފައިވާ އިރު، އެއްވެސް މައްސަލައަކަށް މިހާތަނަށް ދާއިމީ ހައްލެއް ހޯދިފައެއްނުވެއެވެ.

ސޫރިޔާގެ އެކި ސަރަހައްދުތަކަށް އެމެރިކާ އިސްވެ އެކުލަވާލާފައިވާ ކޯލިޝަނަކުން ދަނީ ހަމަލާތައް ދެމުންނެވެ. ރަޝިޔާގެ އަސްކަރިއްޔާ އިންވެސް ދަނީ ސޫރިޔާއަށް ހަމަލާދެމުންނެވެ.

ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން، ސޫރިޔާ ސަރުކާރާއި ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ ހަމަލާތައް ވަގުތީގޮތުން ހުއްޓާލާފައެވެ. ހަމަލާތައް ހުއްޓާލުމާއި ގުޅިގެން އެހީދޭ ޖަމާއަތްތަކުން ސޫރިޔާގައި ދަނީ އެހީގެ ސާމާނު ބެހުމުގެ މަސައްކަތްކުރަމުންނެވެ.

ސުލްހައިގެ މަޝްވަރާތަކުގައި ސޫރިޔާ ސަރުކާރާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބައިވެރިވުމަށް ތައްޔާރުވަމުންދެއެވެ. ނަމަވެސް، މައްސަލައަށް ހައްލެއް ލިބޭނެކަމުގެ އުންމީދު ގިނަ ފަރާތްތަކުން ވަނީ ދޫކޮށްލާފައެވެ. ސޫރިޔާގެ ގިނަ ރައްޔިތުން ބުނާ ގޮތުގައި މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާތައް ކުރަންވީ ދުވަސް މިހާރު ފަހަނައަޅާފައިވާ ކަމަށެވެ. އަދި، ދާޚިލީ ހަނގުރާމަ ދިގުލައިގެން ދިޔުމުގެ ސަބަބުން ދެ ފަރާތުގެ މެދުގައި ހިޔާލުތަފާތުވުންތައް ގިނަވެ، ހައްލެއް ހޯދުމަށް އެއްވެސް ފަރާތަކުން ދޫދިނުމުގެ ސިޔާސަތެއް ގެންގުޅޭނެ ކަމަށް ނުބެލެވޭކަމަށްވެސް އެގައުމުގެ އާންމު ރައްޔިތުން ދަނީ ބުނަމުންނެވެ.