ޚަބަރު

ހުޅުމާލެއަށް އިތުރު 2 ޖަނަރޭޓަރު ގެންނަނީ


ހުޅުމާލޭގެ ކަރަންޓްގެ މައްސަލަ ޙައްލު ކުރުމުގެ ގޮތުން، 1.6 މެގަވޮޓްގެ 2 ޖަނަރޭޓަރު ގެނައުމަށް އޯޑަރު ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ދެ ޖަނަރޭޓަރާއެކު، އެއަށް ބޭނުންވާ ދެ ޕެނަލާއި، ދެ ޓްރާންސްފޯމަރު ގެނައުމަށްވެސް އޯޑަރުކޮށްފައިވާ ކަމަށެވެ. އަދި މިތަކެތި ކުރިއަށް އޮތް ދެމަސްތެރޭ ލިބޭނެ ކަމަށާއި، ޖަނަރޭޓަރުތައް ލިބުމުން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށްވެސް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. 

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަބްދުއް ޝަކޫރު ވިދާޅުވީ، ހުޅުމާލޭގައި މިދުވަސްވަރު ކަރަންޓް ކަނޑާލަންޖެހެނީ ހޫނު ދުވަސްވަރަކަށް ވުމުން، ކަރަންޓްގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ދިމާވާ ދަތިތައް ވީހާވެސް އަވަހަށް ހައްލު ކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ. 

ހުޅުމާލޭގައި ކަރަންޓް އުފެއްދުމަށް 9 ޖަނަރޭޓަރު ބޭނުން ކުރަމުންދާއިރު، ޕީކް ގަޑިތަކުގައި 5.4 މެގަވޯޓްގެ ކަރަންޓް އުފައްދަންޖެހެއެވެ.