ޚަބަރު

އެއް ކެނޑިޑޭޓަކު ނެރެން ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސް އެއްބަސްވެއްޖެ


  • ޖޭޕީ، އެމްއެންޕީ، ދަ ޑިމޮކްރެޓްސް އިން ވަނީ އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެފައި

  • ޕީޕީއެމްއިން ވަނީ އިދިކޮޅު ކެނޑިޑޭޓަކަށް ރައީސް ޔާމީން ހަމަޖައްސަން އެދިވަޑައިގެންފައި

  • ރައީސް ޔާމީން 11 އަހަރު ޖަލުހުކުމެއް ތަންފީޒު ކުރައްވާތީ ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ހަނިވެފައި

  • އިންތިޚާބަށް ކުރިމަތިލާން އާދީއްތަ ދުވަހު ހުޅުވާލާނެ

ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސްއިން ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެއްޖެއެވެ.

އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެފައިވާކަން މި 3 ޕާޓީން އިއުލާންކުރީ މިއަދު ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަކަށްފަހުއެވެ.

ކުނޫޒްގައި ބޭއްވި ބައްދަލުވުމުގައި ޕާޓީތަކުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްއާއި، ދަ ދިމޮކްރެޓްސްގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސް ވެވިފައިވާކަމަށެވެ. އަދި އިދިކޮޅުން ނެރޭނެ ކެނޑިޑޭޓަކާއި ގުޅޭގޮތުން އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްއާއި، އެމްއާރުއެމްއާއިއެކު މަޝްވަރާ ކުރައްވާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ނަމަވެސް ޕީޕީއެމްގެ އިން ދަނީ ރައީސް ޔާމީން ފިޔަވައި އިތުރު ބޭފުޅަކަށް ރިޔާސީ ޓިކެޓް ދިނުމާއި ގުޅޭގޮތުން މަޝްވަރާނުކުރާނެކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުމާއި ގުޅޭގޮތުން ޕީޕީއެމްއިން ނެރުނު ނޫސް ބަޔާނުގައި ބުނީ އެއް ކެނޑިޑޭޓަކު ނެރޭނަމަ އެޕާޓީން ތާއީދުކުރާނީ ރިޔާސީ ކެނޑިޑޭޓަކަށް ރައީސް އަބްދުﷲ ޔާމީން ހަމަޖެއްސުމަށް ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކަށް ރައީސް ޔާމީން ހަމަޖައްސާފައި ވީނަމަވެސް، އެމަނިކުފާނު ތަންފީޒު ކުރަމުންދާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ކެނޑިޑަސީ ބަލައިގަތުމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވާ ގޮތުން ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިގަތުމާއި މެދު އެންމެފަހުގެ ނިންމުން އަންނަނީ ސުޕްރީމް ކޯޓުންނެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް ކެމްޕެއިންގައި ރަސްމީކޮށް ހަަރަކާތްތެރިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްއެންޕީގެ ކެނޑިޑޭޓް ކާނަލް ނާޒިމްއެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ ކެމްޕެއިން ކުރިއަށްގެންދިޔަނަމަވެސް، އެ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ގާސިމް އިބްރާހިމް އަމަލީގޮތުން ކެމްޕެއިންގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.