ޗައިނާއާއި އެމެރިކާއާ ދެމެދު މޫސުމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ބޭއްވެވުމަށް އެމެރިކާގެ ރައީސްގެ މޫސުމާ ބެހޭ ދާއިރާގެ އިސް މުޝީރު ޖޯން ކެރީ ބެއިޖިންގަށް ވަޑައިގަންނަވައި، ޗައިނާގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ. ކެރީގެ ދަތުރުގައި ޗައިނާގެ ބޮޑުވަޒީރު ލީ ޗެންގާއި، ވެރިކަން ކުރާ ކޮމިޔުނިސްޓު ޕާޓީގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ވޮންގް ޔީގެ އިތުރުން އެ ޤައުމުގެ މޫސުމާ ބެހޭ މުޝީރު ޝެއި ޖަންގްޖުއާއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ.
ކެރީއާ އެކު ބޭއްވި ބައްދަލުވުމުގައި ލީ ވިދާޅުވީ މޫސުމީ ބަދަލުތަކަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި އަދި އުނދަގޫ މައްސަލައެއް ކަމުގައެވެ. މޫސުމީ ބަދަލުތަކުގެ ނުރައްކަލާއި ގެއްލުން ކުޑަކުރަން ދެ ޤައުމުން ގުޅިގެން މަސައްކަތްތަކެއް ކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.
ޗައިނާއާއި އެމެރިކާއަކީ "ގްރީންހައުސް ގޭސް" ނުވަތަ ދުނިޔެ ހޫނުވާން މެދުވެރިވާ ވިހަ ގޭސްތައް އެންމެ ގިނައިން ޖައްވަށް ބޭރުކުރާ ދެ ޤައުމެވެ. ވޮންގާ އެކު ބޭއްވެވި ބައްދަލުވުމުގައި ކެރީ ވަނީ ދުނިޔެ ހޫނުވާން މެދުވެރިވާ ސަބަބުތައް ކޮންޓްރޯލްކުރަން ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމާއި، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޚާރިޖީ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރުމަށް ގޮވައިލައްވާފައެވެ.
މޫސުމީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަކީ، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޚާރިޖީ މައްސަލަތަކާއި ޚިޔާލުތަފާތުވުންތައް ހައްލު ކުރަން އޮތް ރަނގަޅު ފުރުޞަތެއްގެ ގޮތުގައި ކެރީ ދެކެވަޑައިގަންނަވައެވެ. ދެ ޤައުމުގެ ދެމެދުގައި އެންމެ ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި ވިޔަފާރިއާއި، ޓެކްނޮލޮޖީގެ އިތުރުން ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލަ ހިމެނެއެވެ.
ކެރީއަކީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޗައިނާއަށް ދަތުރުފުޅެއް ކުރައްވާފައިވާ އެމެރިކާ ސަރުކާރުގެ ތިންވަނަ އިސް ބޭފުޅާއެވެ. ކެރީގެ ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަނާއި، ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވެސް ވަނީ ޗައިނާއަށް ދަތުރުފުޅެއް ކުރައްވައި، އެ ޤައުމުގެ އިސްވެރިންނާ އެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
ޗައިނާއިން އެމެރިކާއާ އެކު ޚާރިޖީ ބައެއް ގުޅުންތައް ކަނޑައިލާފައި ވަނީ ހުސްވި 2022 ވަނަ އަހަރުގެ އޮގަސްޓު މަހު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ކުރީގެ ރައީސާ ނެންސީ ޕެލޯސީ ތައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެންނެވެ. ޗައިނާއިން އެމެރިކާއާ ގުޅުން ކަނޑައިލާފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާ ވެސް ހިމެނެއެވެ.
އޭގެ ފަހުން ވެސް ދެ ޤައުމުގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސް ކަން ވަނީ އިތުރަށް ހޫނުވެފައެވެ. އެއް ސަބަބަކީ، ޗައިނާއިން ޖާސޫސީ ބެލޫނެއް ނުވަތަ ޖާސޫސީ އާލާތްތައް ހަރުކޮށްފައިވާ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަޙައްދަށް ފޮނުވުމެވެ. އެމެރިކާއިން ވަނީ އެ ބެލޫނަށް ހަމަލަދީ ވައްޓައިލާފައެވެ. އޭގެ ފަހުން ތައިވާނުގެ ރައީސް ޓައި އިންގް-ވެން އެމެރިކާއަށް ދަތުރުފުޅެއް ކުރައްވައި، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދަލުކުރެއްވުމުން ވެސް ޗައިނާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ތައިވާނަކީ ޑިމޮކުރަސީގެ ހަމަތަކުގެ މަތިން ވެރިކަން ކުރަމުންދާ ތަނެކެވެ. ނަމަވެސް، އެއީ މިނިވަން ޤައުމެއް ނޫން ކަމަށާއި، އެއީ ޗައިނާގެ ބައެއްގެ ގޮތުގައި ޗައިނާއިން ދެކެއެވެ. އަދި، ބާރުގެ ބޭނުންކޮށްގެން ތައިވާން ހިފާނެ ކަމުގެ އިންޒާރު ވެސް ޗައިނާއިން ވަނީ ދީފައެވެ. އެ ކަމަށް ތައްޔާރުވުމުގެ ގޮތުންނާއި، ތައިވާނަށް ފުރާއްސާރަކުރުމުގެ ގޮތުން ޗައިނާއިން ދަނީ މެދުކެނޑުމެއް ނެތި ތައިވާން ވަށައިގެންވާ ކަނޑާއި ވައިގެ ސަރަޙައްދުގައި އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ.