ޚަބަރު

2024 ވަނަ އަހަރުގެ މަޖިލީހަށް އިތުރު 6 ދާއިރާއެއް


  • ކޮމިޝަނުން ވަނީ މަޖިލީހަށް އިތުރު 6 ދާއިރާއެއް އިތުރުވާނެ ކަމަށް ކަނޑައަޅުއްވާފަ

  • މާލޭ ސިޓީ އަށް 2 ގޮނޑި،

  • އައްޑޫ ސިޓީ އަށް 1 ގޮނޑި،

  • މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި،

  • މާލެއަތޮޅަށް 1 ގޮނޑި،

  • ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި

  • ދާއިރާތަށް އިތުރުވާ އިތުރުވުމަށް ހައްލު ގެނެވޭނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހަށް 6 ދާއިރާއެއް އިތުރުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިތުވި ދާއިރާތަކާއެކު އެކުލަވާލާ ފައިނަލް ރިޕޯޓް މިއަހަރުގެ ޑިސެމްބަރުމަހު ނެރުއްވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައެޅިގެންދަނީ، އާބާދީގެ ނިސްބަތަށް ބަލައި، އަންނަ ބަދަލުތަކުގެ މައްޗަށެވެ. ޤާނޫނު އަސާސީގައި ކޮންމެ 5،000 މީހުން ހިމެނޭ ނަމަ އެދާއިރާއަކަށް ވަކި މެމްބަރެއް އިންތިޚާބު ކުރެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ މަސައްކަތް ކުރައްވަމުންދާއިރު، ކުރިއަށް އޮތް 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ މަސައްކަތްތައްވެސް ކޮމިޝަނުން ކުރަމުންދާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާގޮތުގެ މަތީން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް ގެނެވޭ ބަދަލު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ޖަލްސަގައި ވަނީ ފާސް ކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހަށް އިތުރު 6 ދާއިރާއެއް އިތުރުވާނެކަމަށް ކަނޑައަޅުއްވާފައެވެ.

2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިތުރުވާ ގޮނޑިތައް:

• މާލޭ ސިޓީ އަށް 2 ގޮނޑި
• އައްޑޫ ސިޓީ އަށް 1 ގޮނޑި
• މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި
• މާލެ އަތޮޅަށް 1 ގޮނޑި
• ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި

އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނުގައި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ 10 މަސް ދުވަހުގެ ކުރިން، ކުރިއަށް އޮތް ދައުރަށް މަޖިލީހަށް އިތުރުވާ ދާއިރާތަކާއި، އާބާދީގެ ނިސްބަތް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވަން ޖެހެއެވެ. ކޮމިޝަންގެ ނައިބް ރައީސް ހަބީބް ވިދާޅުވީ، މި މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކުރައްވަމުންދާކަމަށެވެ.

ކޮމިޝަނުން މަސައްކަތް ކުރައްވަމުން ދަނީ އަންނަ މަހުގެ 28ގެ ކުރިން ކޮމިޝަނުން ގެނައި ބަދަލުގެ މައްޗަށް އެކުލަވާލެވޭ ރިޕޯޓް ޢާންމު ކުރެއްވުމަށް ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި ދާއިމީ ރިޕޯޓް މިއަހަރުގެ ޑިސެމްބަރު މަހު ޢާންމު ކުރާނެކަމަށް ހަބީބް ވިދާޅުވިއެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ މޭމަހުގެ 30 އަށެވެ. ރައްޔިތުންގެ މަޖިލީހަށް ދައުރަކަށްފަހު ދައުރެއްގައި މެމްބަރުން އިތުރުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. މަޖިލީހުގައި މިހާރު 87 މެމްބަރުން ތިއްބަވައެވެ. މި މައްސަލައަށް ހައްލު ގެނައުމަށް މިހިނގާ 19 ވަނަ މަޖިލީހަށްވެސް ހުށަހެޅި މައްސަލަ ކުރިއަށްދާ ގޮތެއް ނުވެއެވެ. މަޖިލީހުގެ ދާއިރާތަށް އިތުރުވާ އިތުރުވުމަށް ހައްލު ގެނެވޭނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެންނެވެ.