ދުނިޔޭގެ ވިޔަފާރި

ޓްވިޓަރގެ އާމްދަނީ ދެބައިކުޅަ އެއްބައި ދަށަށް!


އިލޯން މަސްކު ޓްވިޓަރގެ ވެރިޔަކަށް ވީފަހުން އެ ކުންފުންޏަށް އިޝްތިހާރުތަކުން ލިބެމުންދިޔަ އާމްދަނީގެ ތެރެއިން ދެބައިކުޅަ އެއްބައި މަދުވެއްޖެކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓްވިޓަރގެ މެޖޯރިޓީ ހިއްސާ ގަނެގެން، އެ ކުންފުނީގެ ވެރިކަން އިލޯން މަސްކަށް ލިބުނީ މިދިޔަ އަހަރުއެވެ. އަދި ކުންފުނީގެ އާމްދަނީ އިތުރުކޮށް، ހިންގުން ހަރުދަނާކުރާނެކަމަށް މަސްކު ވަނީ އޭރު ބުނެފައެވެ.

ހަބަރުތައް ބުނާގޮތުން މަސްކު ޓްވީޓަރއާ ހަވާލުވިހުން ކުންފުނީގެ އާމްދަނީއަކަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. އަދި ކުންފުންޏަށް ލިބެމުންދިޔަ އާމްދަނީގެ ތެރެއިން ދެބައިކުޅަ އެއްބަޔާއި ގާތްކުރާ އާމްދަނީއެއް ގެއްލިފައިވާކަމަށްވެސް ހަބަރުތައް ބުނެއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން ޓްވީޓައަށް ލިބޭ އާމްދަނީ މަދުވާން ފެށީ ޓްވިޓަރއާ ގުޅޭ އުސޫލުތަކަށް ކުންފުނިން ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. އެގޮތުން ބައެއް ހިދުމަތްތަކަށް ނަގަމުންދިޔަ އަގުތައް ބޮޑުވުމާއި، އިތުރު އަގުތައް ނަަގަމުންދިއުމުން ޓްވިޓަރއަށް އިޝްތިހާރު ފޯރުކޮށްދޭ ކުންފުނިތަކުން ވަނީ އިޝްތިހާރުތައްވެސް މަދުކޮށްފައެވެ.

އަނެއްކޮޅުން ފޭސްބުކް ހިންގާ ކުންފުނިން ޓްވިޓަރއާ ވާދަކުރަން ނެރުނު އެޕްލިކޭޝަންގެ ސަބަބުންވެސް ޓްވީޓަރގެ ވިޔަފާރިއަށް ވާނެ ގޮތެއް އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

ހަބަރުތައް ބުނާގޮތުން ޓްވިޓަރއަށް މިއަހަރު ލިބޭނެކަމަށް ލަފާކުރަނީ 3 ބިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިއީ 2021 ވަނަ އަހަރު ލިބުނު 5.1 ބިލިއަން ޑޮލަރާއި އަޅާބަލާއިރު މަދު އަދަދެކެވެ.