ޚަބަރު

ރިޔާސީ އިންތިޚާބަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފި


  • މިމަހުގެ 16 އިން 31 އަކަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ ފުރަޞަތު އޮންނާނެ

  • ޖުލައި 31 އިން 5 އޮގަސްޓަށް ފޯމު ހުށަހަޅާއިގެން ރީ-ރަޖިސްޓްރީ ވެވޭނެ

  • މީހަކަށް އެއް ފަހަރާ ގިނަވެގެން ހުށަހެޅޭނީ 10 ފޯމު، މުއައްސަސާއަކަށް 100 ފޯމު

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލާފިއެވެ.

ރީ-ރަޖިސްޓްރީވުމަށް މިފަހަރު ހުޅުވާލައިފާ ވަނީ އޮންލައިކޮށާއި، ފޯމު ހުށަހަޅާއިގެންނެވެ. މިއީ ރިޔާސީ އިންތިޚާބެއްގައި އޮން-ލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ. އިލެކްޝަންސް ކޮމިޝަނުން އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލައިފާވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހަށެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަންޖެހޭނީ އެކަމަށް ތައްޔާރުކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ.

މިއަދު ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފާވާއިރު، 2020 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށްރަށުން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް، އަލުން ރީ-ރަޖިސްޓްރީވާން ނުޖެހޭނެއެވެ. އެހެންނަމަވެސް، މާލޭގައި އުޅޭ މީހުން އެހެން ރަށެއްގައި ވޯޓުލުމަށް ބޭނުންވާނަމަ ރީރަޖިސްޓްރީ ވާން ޖެހޭނެއެވެ.

މި މަހުގެ 31 ވަނަ ދުވަހަށްފަހު، ރީރަޖިސްޓްރީ ވެވޭނީ ހަމަ ކުރިއެކޭވެސް އެއްގޮތަށް ފޯމު ހުށަހަޅާއިގެންނެވެ. އެގޮތުން މާލޭގައި، އިންތިޚާބައި ބެހޭ މައި މަރުކަޒު ދަރުބާރުގެއަށް ފޯމު ހުށަހެޅޭއިރު، ރަށްރަށުގައި ނަމަ އެ ރަށެއްގައި ހުރި އިލެކްޝަންސް ކޮމިޝަންގެ ފޯކަލް ޕޮއިންޓަށް ފޯމު ހުށަހެޅޭނެއެވެ. ފޯމު ހުށަހަޅާއިގެން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އޮގަސްޓް 5 އަކާއި ހަމައަށެވެ.

ޕީ.އެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުންއިލެކްޝަންސް ކޮމިޝަންގެ ހެޑް އޮފް ޕްލޭނިންގ އެންޑް ރެޖިސްޓްރޭޝަން ޢަބްދުﷲ އުނައިސް، ވިދާޅުވީ 16 ޖުލައިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެކަމަށާއި، އެހެންނަމަވެސް 16 ޖުލައިން 5 އޮގަސްޓާއި ހަމައަށް ކަރުދާސް ފޯމު ހުށަހެޅޭނެ ކަމަށެވެ.

"16 ޖުލައިން ފެށިގެން އޮގަސްޓް 5ކާއި ހަމައަށް އަޅުގަނޑުމެން ކުރިއަށް ގެންދަން އެބަ ރީ ރަޖިސްޓްރޭޝަންގެ މަސައްކަތް. އޭގެ އިތުރުން ކަރުދާސް ފޯމު ހުށަހެޅޭނެ މި ދަންނަވާ މުއްދަތުގެ ތެރޭގައި. އޮންލައިންކޮށް ފޯމު ހުށަހެޅުން 31 ޖުލައި އާއި ހަމައިން އަޅުގަނޑުމެން ބަންދު ކޮށްލާނެ." ޢަބްދުﷲ އުނައިސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް، މީހަކަށް ފަހަރަކު ހުށަހެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ ރަސްމީ މުއައްސަސާއެއް ހިއްސާވާގޮތަށް، ފޯމު ހުށަހަޅާނަމަ، އެ ތަނެއްގެ ތައްގަނޑާއި، ރަސްމީ ސިޓީ އަކާއެކު، ފަހަރަކު 100 ފޯމު ހުށަހެޅޭނެކަމަށްވެސް، އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށްވެސް، ރީ-ރަޖިސްޓްރީވުމަށް މިއަދު ވަނީ ހުޅުވާލާފައެވެ. އެގޮތުން 8 ޤައުމެއްގެ 9 ސިޓީއެއްގައި ވޯޓުލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، މިއަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓެވުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.