ޚަބަރު

ރާއްޖެއާއި މިޞްރާ ދެމެދު ބާއްވާ މަޝްވަރާތައް މާދަމާ


  • މިޞްރާއި ރާއްޖެ އާއި ދެމެދު ބޭއްވޭ ދެވަނަ ބައްދަލުވުން މި މަހު 16ގައި

  • މި ބައްދަލުވުމުގައި ދެ ޤައުމު ޙިއްސާވާ އެކި ކަންކަމަށް އަލިއަޅުވާލެވޭނެ

  • މި ބައްދަލުވުން އޮންނާނީ ރާއްޖޭގައި

މިޞްރާއި ރާއްޖޭ އާއި ދެމެދު ސިޔާސީ ގުޅުމާގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ދެވަނަ ބައްދަލުވުން މާދަމާ އޮންނާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނުގައި ވިދާޅުވީ، މި ބައްދަލުވުންތަކުގައި އެންމެ އިސްކޮށް ރައްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލްކަމަށެވެ. އަދި މިޞްރު ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ މިޞްރުގެ ފޮރިން މިނިސްޓްރީގެ އޭޝިއާ ގޮފީގެ އެސިސްޓަންޓް މިނިސްޓަރ އާމެން ކަމޭލްއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމަށްވެސް ދިމާވެފައިވާ އެކިއެކި މައްސަލަތަކާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. މިނޫނަސް، ދެ ޤައުމުގެ ސިޔާސީ މަޞްރަޙާއި ގުޅޭ ކަންކަމަށް މި ބައްދަލުވުމުގައި އަލިއަޅުވާލާނެކަމަށްވެސް ފޮރިން މިނިސްޓްރީއިން ހާމަކުރައްވައެވެ.

މިޞްރާއި ރާއްޖޭގެ ގުޅުމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާތައް އެންމެ ފަހުން ބާއްވާފައިވަނީ، 2019 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 19 ވަނަ ދުވަހު، މިޞްރުގައެވެ.

ދިވެހިރާއްޖެއިން މިޞްރަށް ދަތުރުކުރާ ދިވެހިން ދުރާލާ ވީޒާ ނުނަގައި އެ ޤައުމަށް ދަތުރުކުރެވޭނެ އިންތިޒާމްވެސް ދާދިފަހުން ވަނީ ހަމަޖެހިފައެވެ. ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް އޮންއެރައިވަލް ވީޒާ ދިނުމަށް މިޞްރު ސަރުކާރުން ނިންމާފައިވީ ނަމަވެސް، 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް މިޞްރަށް ޒިޔާރަތްކުރާ ނުވަތަ ވަޒީފާ އަދާކުރުމަށް ނުވަތަ ތަޢުލީމް ޙާޞިލްކުރުމަށް ނުވަތަ މިޞްރުގައި ވިޔަފާރިކުރުމަށް ބޭނުންވާ ދިވެހިން މިޞްރަށް ދަތުރުކުމުގެ ކުރިން އެކަމަކާގުޅޭ ވީޒާއެއް ނަގަންޖެހޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މިސްރުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމް ހާސިލުކުރަމުންދާއިރު، އޮންއޮރެވައިލް ވީޒާ ހަމަޖެހުމަކީ އެ ދަރިވަރުންގެ އާއިލާތަކަށް ލިބޭނެ ފަސޭހައެއްގެ އިތުރުން، ވިޔަފާރިކޮށްލުމަށް ނުވަތަ ބޭސް ފަރުވާއަކަށް ނުވަތަ އެ ގައުމަށް ޒިޔާރަތްކޮށްލަން ބޭނުންވާ ދިވެހިންނަށްވެސް މިއީ ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.