ސޫރިޔާގެ ހުޅަނގުއުތުރުގައި އިދިކޮޅު ޖަމާޢަތްތަކުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކަށް އިންސާނީ އެހީ ފޮނުވަން އ.ދއިން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ބައްޝާރު ހާފިޛު އަލް-އަސަދުގެ ސަރުކާރުން ހުރަސް އަޅަމުން އެބަދެއެވެ. ސަރުކާރާ ދެކޮޅު ޖަމާޢަތްތަކުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގައި 4.1 މިލިޔަން މީހުން ހާލުގައި ޖެހިފައިވާއިރު، އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އ.ދއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ސޫރިޔާގެ ހުޅަނގުއުތުރުގައިވާ ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދެމުން ދަނީ ތުރުކީވިލާތު މަގުން ސޫރިޔާގެ ބާބް އަލް-ޙަވާ ސަރަޙައްދީ ހުރަސް ތެރެއިންނެވެ. އެ މަގުން އެހީގެ ސާމާނު ފޯރުކޮށްދެމުން ދަނީ އ.ދއިން އިސްނަގައިގެން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ސޫރިޔާއިން އ.ދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބައްސާމް އަލް-ޞައްބާޣު ވިދާޅުވީ ބާބް އަލް-ޙަވާ މަގުން އެހީގެ ސާމާނު އެތެރެކުރުމަށް ކުރިއަށް އޮތް ހަ މަސް ދުވަހަށް ހުއްދަ ދީފައިވާ ކަމުގައެވެ. އޭނާ މި ކަން ހާމަކުރައްވާފައި ވަނީ އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝަށް ފޮނުއްވި ސިޓީފުޅެއްގައެވެ. އެއްވެސް ހުރަހަކާ ނުލައި އެހީގެ ސާމާނު ފޯރުކޮށްދޭން ސަރުކާރުން ފުރުޞަތު ދޭނެ ކަމުގައި އޭނާގެ ސިޓީފުޅުގައި ވިދާޅުވިއެވެ.
ނަމަވެސް، އ.ދގެ ސަލާމަތީ މަޖިލީހަށް އޭނާ ފޮނުއްވި ސިޓީގައި ގިނަ ޝަރުޠުތަކެއް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި އެއްބަސްވާން އަދި ގަބޫލުކުރަން ދަތި ދެ ހުށަހެޅުމަށްވާ ކަމުގައި އިންސާނީ ހައްޤުތަކާ ބެހޭ އ.ދގެ އިސްވެރިޔާގެ އޮފީސް – ޔޫ.އެން. އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިޔުމެނިޓޭރިޔަން އެފެއާޒް (އޯ.ސީ.އެޗް.އޭ)އިން ބުންޏެވެ. އެ ހުށަހެޅުންތަކުގެ ތެރޭގައި އަސަދުގެ ސަރުކާރާ ދެކޮޅު ފަރާތްތަކާ އ.ދއިން މުއާޞަލާތު ކުރުން ހުއްޓައިލުމާއި، އެހީގެ ތަކެތި ބެހުމުގެ މަސައްކަތް ރެޑް ކްރޮސްއާއި ސޫރިޔާގެ ރެޑް ކްރެސެންޓާ ހަވާލުކުރުން ހިމެނޭ ކަމުގައި އޯ.ސީ.އެޗް.އޭއިން ބުނެވެ.
2011 ވަނަ އަހަރު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައިގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކޮށްފައިވާ ހުރިހާ ފަރާތްތަކަކީ ޓެރެރިސްޓުންގެ ގޮތުގައި އަސަދުގެ ސަރުކާރުން ސިފަކުރެއެވެ. އަދި، ޓެރެރިސްޓު ޖަމާޢަތްތަކާ އ.ދއިން މުއާޞަލާތު ކުރުމާ ދެކޮޅު ކަމަށް އަސަދުގެ ސަރުކާރުން ދަނީ ބުނަމުންނެވެ. ނަމަވެސް، މި ހުށަހެޅުންތަކަކީ ބަލައިގަނެވޭނެ ހުށަހެޅުންތަކެއް ނޫން ކަމަށް ބުނެ އޯ.ސީ.އެޗް.އޭއިން ވަނީ، އެއީ އ.ދގެ މިނިވަންކަމަށް ހުރަސްއެޅޭ، އަދި ތަންފީޒުކުރަން ދަތި ހުށަހެޅުންތަކެއް ކަމުގައި ބުނެފައެވެ.
ސޫރިޔާގެ ހުޅަނގުއުތުރުގައިވާ ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ 4.1 މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުވަ މަހަށް ދަންމައިލުމާ ގުޅޭ ގޮތުން އ.ދގެ ސަލާމަތީ މަޖިލީހުން ޖުލައި 11 ވަނަ ދުވަހު ވަނީ ވޯޓަށް އަހާފައެވެ. ނަމަވެސް، އަސަދުގެ ވާގިވެރިއެއް ކަމުގައިވާ ރަޝިޔާއިން ވަނީ އެ ހުށަހެޅުން ވީޓޯކޮށް، އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ހުރަސް އަޅާފައެވެ.
ބާބް އަލް-ޙަވާ މަގުން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ ގޮތުގައި ސޫރިޔާއާއި ރަޝިޔާއިން މީގެ ކުރިން ސިފަކޮށްފައިވެއެވެ. އަދި، އެ ކަމަށް ހުރަސްޅަން މަސައްކަތް ކޮށްފައިވެއެވެ. އ.ދގެ ސަލާމަތީ މަޖިލީހުން ފަހުން ވަނީ އެ އެއްބަސްވުމުގެ މުއްދަތު އިތުރު ހަ މަސްދުވަހަށް އިތުރުކުރަން ފާސްކޮށްފައެވެ. އެ ކަން ހުއްޓުވަން ރަޝިޔާއިން މަސައްކަތް ކުރި ނަމަވެސް، އެ ކަން ކާމިޔާބެއް ނުވިއެވެ.
ބާބް އަލް-ޙަވާގެ އިތުރުން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އ.ދއިން ދަނީ ސަރަޙައްދީ އިތުރު ދެ ހުރަސް ބޭނުން ކުރަމުންނެވެ. އެ މަގުތައް ހުޅުވައިލާފައި ވަނީ އަސަދުގެ ސަރުކާރުގެ ރުހުމާ އެކުގައެވެ. އޮގަސްޓު މަހުގެ 13 ވަނަ ދުވަހާ ހަމައަށް އެ ދެ މަގު ބޭނުން ކުރުމުގެ ހުއްދަ އަސަދުގެ ސަރުކާރުން ދީފައިވާއިރު، އެ ތަން ހުޅުވައިލާފައި ވަނީ ތުރުކީވިލާތާއި ސޫރިޔާއަށް ފެބުރުވަރީ މަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެންނެވެ. އެ ބިންހެލުމުގައި 4,500 މީހުން މަރުވެފައިވާއިރު، 50,000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ.