ދުނިޔޭގެ ވިޔަފާރި

ކްލައިމެޓް ފަންޑަށް އެމެރިކާއިން ފައިސާއެއް ނުދޭނެ: ޖޯން ކެރީ


  • ޖޯން ކެރީ އަކީ އެމެރިކާގެ ރައީސްގެ ސްޕެޝަލް އެންވޯއި އޮން ކްލައިމެޓް ޗޭންޖް،

  • އެމެރިކާއިން ކްލައިމެޓް ފަންޑަށް ފައިސާ ޖަމާ ނުކުރާނެކަމަށް އޭނާ ބުނި

  • ކްލައިމެޓް ފަ.ންޑުގެ އުސޫލުތައް ބަދަލުކުރުމަށް ކެރީ ބޭނުންވޭ

މޫސުމީ ބަދަލުތަކުގެ ސަބަބުން އެހެން ގައުމުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ދޭން މިދިޔަ އަހަރު ބޭއްވި އދގެ ކޮޕްސަމިޓުގެ ތެރެއިން ގާއިމްކުރި ކްލައިމެޓް ފަންޑަށް އެމެރިކާއިން އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދޭނެކަމަށް އެ ގައުމުގެ ކްލައިމެޓް އެންވޯއީ، ޖޯން ކެރީ ބުނެފިއެވެ.

އެމެރިކާގެ ރައީސްގެ ސްޕެޝަލް އެންވޯއި އޮން ކްލައިމެޓް ޗޭންޖް، ޖޯން ކެރީ މިހެން ބުނީ ބުރާސްފަތިދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ހާރިޖީ ގުޅުންތަކާބެހޭ ،ސަބް ކޮމިޓީއެއްގެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އެމެރިކާއިން އެހީ ނުވާނެކަމަށް ބުނި ކްލައިމެޓް ފަންޑަކީ، މިދިޔަ އަހަރު މިސްރުގެ ޝަރަމް-އަލްޝައިހްގައި ބޭއްވި މޫސުމާއި ބެހޭ ބައްދަލުވުން ނުވަތަ އދ.ގެ ކޮޕް ސަމިޓުގައި ފާސްކުރި ނިންމުމެއްގެ ދަށުން ގާއިމްކުރި ފަންޑެކެވެ.


ކޮޕް 27 ސަމިޓުގައި ބައިވެރިވި 200 އެއްހާ ގައުމުގެ މަންދޫބުންގެ މެދުގައި މަޝްވަރާކޮށްގެން ގާއިމްކުރަން ނިންމި "ލޮސް އެންޑް ޑެމޭޖް" ފަންޑަކީ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ކާރިސާތަކުގެ ސަބަބުން ގެއްލުން ލިބޭ ގައުމުތަކުގެ ތެރެއިން ތަރައްގީވަމުން އަންނަ ގައުމުތަކާއި މާލީ ތަނަވަސްކަން ކުޑަ، ފަގީރު ގައުމުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ގާއިމްކުރި ފަންޑެކެވެ.

މި ފަންޑު ގާއިމްކުރުމުގެ މަޝްވަރާތަކުގައި އޭރު ގައުމުތަކުން ފާހަގަކުރި މައިގަނޑު ނުކުތާއަކީ ތިމާވެށްޓަށް ލިބޭ ގެއްލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކުން ކުރަމުންދާ އިންޑަސްޓްރިއަލް މަސައްކަތްތަައްކަމަށެވެ. ނަމަވެސް އެ މަސައްކަތްތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއެކު އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވަނީ ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގައި މާބޮޑު ދައުރެއް އަދާނުކުރާ ކުދި ޖަޒީރާ ގައުމުތަކާއި ފަގީރު ގައުމުތަަައްކަން ކޮޕްސަމިޓުގައި ފާހަގަކުރިއެވެ.

އޮބާމާ ސަރުކާރުގައި ހާރިޖީ ވަޒީރުކަމުގެ މަގާމު އަދާކުރި އަދި މިހާރު ރައީސް ބައިޑަންގެ ކްލައިމެޓް އެންވޯއީގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޖޯން ކެރީ ބުރާސްފަތި ދުވަހު ގާނޫނު ހަދާ މަޖިލީހުގެ ސަބް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކުރީ މޫސުމާއި ގުޅޭ މައްސަލަތަކުގައި ސަރުކާރުގެ ސިޔާސަތުތައް ކޮމިޓީން އޮޅުންފިލުވުމަށެވެ.

މިބައްދަލުވުމުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެމްބަރު އަދި ސަބް ކޮމީޓީގެ މުގައްރިރު ބްރަޔަން މާސްޓް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެހެން ގައުމުތަކުގައި ފެންބޮޑުވެގެން ނުވަތަ ތޫފާންތައް އައިސްގެން ލިބޭ ގެއްލުންތަކަށް ބަދަލުދޭން ގާއިމްކޮށްފައިވާ ފަންޑަކަށް އެމެރިކާއިން އެހީވުމާމެދު ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ގުޅޭގޮތުން ކެރީއާ ސުވާލުކޮށްފައެވެ.

އެ މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ކެރީ ވިދާޅުވީ އެހެން ގައުމަކަށް އެމެރިކާއިން ބަދަލު ދޭން މަޖުބޫރުކުރާ ފަންޑަކަށް އެހީ ނުވާނެކަމަށެވެ. ކެރީ ވިދާޅުވީ އެ ފަންޑަށް އެމެރިކާއިން އެހީވުމުގެ ވިސްނުމެއްވެސް ނުގެންގުޅޭ ކަމަށާއި އަދި އެހީވާނެ ގޮތެއްވެސް ނޯންނާނެކަމަށެވެ.

ކެރީގެ އެ ވާހަކަތަކާއި ގުޅިގެން ކޮމިޓީގެ މުގައްރިރު ވަނީ ސަރުކާރުގެ ނިންމުން ރަނގަޅުކަމަށް ބުނެ އެކަމަށް ތައުރީފްކޮށްފައެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ކެރީ ވަނީ ތިމާވެށީގެ މައްސަލަތަކުގައި އެހީވުމަށް ގާއިމްކުރި ފަންޑުގެ އުސޫލުތައް ހަރުދަނާ ކުރުމަށް ކުރިއަށް އޮތް ކޮޕް ސަމިޓްގައި މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެެެވެ. އަދި އެމެރިކާއިން ބޭނުންވަނީ މަޖުބޫރުކަމެއް ނެތި އެކަން ކުރަންކަމަށްވެސް ކެރީ ވިދާޅުވިއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނަނީ ތިމާވެށީގެ މައްސަލަތަކުގައި ގައުމުތަކަށް އެހީވުމަށް އެމެރިކާއިން ދެކޮޅެއް ނުހަދާކަމަށާއި އެމެރިކާއިން ކަންބޮޑުވަނީ ފަންޑުގެ އޮނިގަނޑު އޮތްގޮތުންނެވެ. އެގޮތުން ގައުމުތަކުން ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކޮށްފައިވާ ކަންތައްތަކަކަށް ބަދަލުގެ ގޮތުގައި ދޭން މަޖުބޫރު އެހީއެއްގެ ގޮތުގައި ފަންޑަށް ފައިސާ ދޭންޖެހޭނެކަމަށް އެމެރިކާއިން ގަބޫލެއް ނުކުރެއެވެ. އަދި މިހާތަނަށް އައިއިރު މި ފަންޑަށް ފައިސާ ޖަމާކުރާނެ އުސޫލުތަކެއް ހެދިފައި ނެތުމަކީވެސް ފަންޑަށް އެހީ ނުވާނެކަމަށް އެމެރިކާއިން ބުނާ ސަބަބެއްކަަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހަބަރުތައް ބުނާގޮތުން މިއަހަރު ފަހުކޮޅު ދުބާއީގައި ބާއްވާ ކޮޕް ސަމިޓުގައި ކްލައިމެޓް ފަންޑަށް މުއްސަނދި ގައުމުތަކުން ފައިސާގެ އެހިވުމާއި ގުޅޭގޮތުން ގޮތްތަކެއް ނިންމާނެއެވެ.