ދުނިޔެ

ޔަމަނަށް ސުލްޙަ ގެނެވެނީ ސިޔާސީ ހައްލަކުން - ސަޢޫދީ


ޔަމަނަށް ސުލްޙަ ގެނެވެނީ އެޤައުމުގެ މައްސަލަ ސިޔާސީ ގޮތުން ޙައްލުކޮށްގެން ކަމަށް ސައޫދީ އަރަބިޔާއިން ބުނެފިއެވެ.

ޔަމަންގެ ޚާރިޖީ ވަޒީރު އަބްދުލްމަލިކް އަލްމިޚްލާފީ އާ ރިޔާޒްގައި ބައްދަލު ކުރެއްވުމަށްފަހު ސަޢޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވިދާޅުވީ ޔަމަންގެ މައްސަލަ ސިޔާސީ ގޮތުން ހައްލުކުރަން އޭނާގެ ޤައުމުން ބޭނުންވާކަމަށެވެ. އަދި ޔަމަންގެ ދާޚިލީ ކަންކަމާ ދުރުވުމަށް އެޤައުމުގެ އިދިކޮޅު ހޫޘީ ޖަމާއަތުގެ ލީޑަރަކު ގޮވާލެއްވި ގޮވާލެއްވުމަކީ އީޖާބީ ކަމެއް ކަމަށްވެސް ސަޢޫދީ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ސަޢޫދީ އަރަބިއްޔާ އިސްވެ އޮވެގެން ގަލްފުގެ އަރަބި ބައެއް ޤައުމުތަކުން ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާތާ އަހަރެއް ވާން ގާތްވެފައިވާއިރުވެސް ޔަމަންގެ މައްސަލަ އަސްކަރީ ގޮތުން ހައްލު ކުރެވިފައެއްނުވެއެވެ. އެހެންކަމުން ޔަމަންގެ މައްސަލައަށް ސިޔާސީ ޙައްލެއް ގެނައުމާމެދު ސަޢޫދީ އަރަބިއްޔާ، މިހާރު ވިސްނަމުން ގެންދާކަމަށް ޚަބަރުތައް ބުނެއެވެ.