ޚަބަރު

ތިލަދުންމަތީގެ ހުރިހާ ރަށެއް އިޢާދަކުރަނިވި ހަކަތައަށް!


ހއ. އަދި ހދ. އަތޮޅުގައި ހިމެނޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕެނަލް ހަރުކުރެއްވައިގެން، ޢިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫޢު އަންނަ އެޕްރީލް މަހުގެ ތެރޭގައި ފެއްޓެވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. 

ހއ. އަދި ހދ. އަތޮޅު ހިމެނޭ ތިލަދުންމައްޗަކީ 50،000 މީހުންގެ އާބާދީއެއް އޮތް ސަރަޙައްދެކެވެ. މި ދެ އަތޮޅުގައި ޖުމްލަ 27 ރަށުގައި މީހުން ދިރުއުޅެމުންދެއެވެ. އެހެންކަމުން މި ސަރަޙައްދުގައި ފެށުމަށް ތައްޔާރުވަމުންދާ ޢިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢަކީ މި ދާއިރާއިން ކުރިއަށްގެންދަވާ އެންމެ ބިޔަ މަޝްރޫޢެވެ. މި މަޝްރޫޢަށް ބޭނުންވާ ފައިސާ ޔޫރިޕިއަން އިންވެސްޓްމަންޓް ބޭންކުގެ ލޯންގެ ދަށުން މިހާރު ވަނީ ހަމަޖެހިފައެވެ.

ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 27 ރަށުގައި ސޯލާ ޕެނަލް ހަރުކޮށް ދުވާލު ގަޑީގައި އުފައްދާ ކަރަންޓްގެ 30 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢު އެޕްރީލް މަހުގެތެރޭގައި ފެށުމަށް އެންވަޔަރމަންޓް މިނިސްޓްރީން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެންވަޔަރމަންޓް އެންޑް އެނަރޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަތީން ވިދާޅުވީ، މިއީ ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަށް ހެއްދެވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ފެށުން ކަމަށެވެ. 

ޢިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރައްވަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވި، ކަރަންޓް އުފެއްދުމަށް ހޭދަކުރަންޖެހޭ މިންވަރު ކުޑަ ކުރެވިގެންދާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.