ދުނިޔޭގެ ވިޔަފާރި

ހުޅަނގުގެ ގައުމުތަަކުން އަޅާނުލާ ތިއްބާ ޗައިނާއިން އޭއައިގެ ރެގިއުލޭޓްކުރަން ފަށަނީ


  • މިއީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ޓެކްނޮލޮޖީ

  • މި ޓެކްނޮލޮޖީ ސަބަބުން ކޮމްޕިއުޓަރުތައް މަސައްކަތްކުރަނީ އިންސާނެއް ފަދައިން ވިސްނުން ބަހައްޓައިގެން

  • ޗައިނާއަކީ އެކަމާއި ގުޅޭ އުސޫލުތަައް އެކުލަވާލި ފުރަތަމަ ގައުމު

ޗައިނާގައި އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ޓެކްނޮލޮޖީ ތަރައްގީކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް އެކުލަވާލައި، އެ އުސޫލުތައް ތަންފީޒުކުރަން ފަށަން އެ ގައުމުން ތައްޔާރުވެއްޖެއެވެ.

ޗައިނާއިން ފަށާ މި މަސައްކަތާއެކު އެ ގައުމު ވެގެންދާނީ، ހަލުވިކަމާއެކު ދުނިޔޭގައި ކުރިއަރަމުންދާ އޭ.އައި ޓެކްނޮލޮޖީ ތަރައްގީކުރުމާއި ގުޅޭ މަސައްކަތްތައް ރެގިއުލޭޓްކުރަން ފަށާ ފުރަތަމަ ގައުމަށެވެ.

އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައިއަކީ އިންސާނުން ފަދައިން ވިސްނައިގެން ކުރަންޖެހޭ މަސައްކަތްތައް ކޮމްޕިއުޓަރ ނުވަތަ ރޮބޮޓެެއް މެދުވެރިކޮށް ކުރުމުގެ ގާބިލްކަން ހުންނަ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީ މެދުވެރިކޮށް ކޮމްޕިއުޓަރަށް ގެނެސްދެނީ އިންސާނެއް ފަދައިން ވިސްނުމުގެ އިންޓެލިޖެންސް ނުވަތަ ތޫނުފިލިކަމެވެ.

އޭއައި ޓެކްނޮލޮޖީގެ ސަބަބުން މީގެކުރިން ކޮމްޕިއުޓަރ ބޭނުންކޮށްގެން ކުރި ބައެއް މަސައްކަތްތައް މިއަދު ވަނީ އެތައް ގުނައެއް ހަލުއިވެފައެވެ. މިސާލަކަށް ކޮމްޕިއުޓަރ ސޮފްޓްވެއަރއެއް ބޭނުންކޮށްގެން ކުރެހުމަކީ ޓެކްނޮލޮޖީގެ ގޮތުން ލިބިފައިވާ ކުރިއެރުމެއް ނަމަވެސް، އޭ.އައި ޓެންކޮނޮޖީއާއެކު އިތުރަށް ކުރަހާކަށް ނުޖެހެއެވެ.

އޭ.އައި ޓެކްނޮލޮޖީ ބޭނުންކުރާނަމަ ޖެހޭނީ ހަމައެކަނި ކުރަހަންވީ ކޯއްޗެއްކަން ކޮމްޕިއުޓަރަށް އަންގާލާށެވެ. އެހާހިސާބުން އެ ކުރެހުމެއް ސިކުންތުކޮޅެއްގެ ތެރޭގައި އޭ.އައި ޓެކްނޮލޮޖީން ކުރަހާލަދޭނެއެވެ. މިއީ އޭއައިއިން ކޮށްލެވޭނެ މަސައްކަތެއްގެ ކުޑަކުޑަ މިސާލެކެވެ.
މިއަދު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުންފުނިތަކުން ދަނީ އެކި މަސައްކަތް ކުރެވޭނެ އޭއައި ޕްރޮގްރާމްތައް ތަރައްގީ ކުރަމުންނެވެ. ފޯނުތަކުގައި ހުންނަ ފޭސް ރިކޮގްނިޝަނުން ފެށިގެން، ޑްރައިވަރެއް ބޭނުން ނުކޮށް ކާރު ދުއްވާނެ ޓެކްނޮލޮޖީ އޭއައި ބޭނުންކޮށްގެން ދަނީ ތަރައްގީކުރަމުންނެވެ.

އޭ.އައިގެ ޓެކްނޮލޮޖީ މަސައްކަތްކުރަން ބޭނުންވަނީ ޑޭޓާ ނުވަތަ މައުލޫމާތާއި އަލްގޮރިދަމް ނުވަތަ ކަންކުރަންޖެހޭ ގޮތްތަކެކެވެ. ކޮމްޕިއުޓަރާއި ގުޅުވައިދޭން ޖެހޭނީ ޑޭޓާތަކާއެވެ. ބޭނުން ހިފޭ މައުލޫމާތު ޑޭޓާތަކުން ހޯދާނެ ގޮތް އޭއައި ޕްރޮގްރާމްތަކަށް އަންގައިދީ، ހަވާލުކުރާ މަސައްކަތް އެންމެ ފުރިހަމައަށް ނިންމާލެވޭނީ ކޮން ޑޭޓާއެއް ބޭނުންކުރުމުންތޯ އާއި ބޭނުންކުރާނެ ގޮތް އަންގައިދޭނީ އަލްގޮރިދަމްތަކުންނެވެ. އޭއައިގެ އަލްގޮރިދަމްތައް ތަރައްގީކޮށްފައިވަނީ އައު ޑޭޓާތަކުން ދަސްކުރަމުން، ހަވާލުކުރާ މަސައްކަތްތައް އެންމެ ފުރިހަމައަށް ނިންމާނެ ގޮތްތައް އޭއައި ޕްރޮގްރާމަށް އަބަދުވެސް ކިޔައިދީ، އަޕްޑޭޓްކުރަމުންދާގޮތަށެވެ.

މިއަދު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުންފުނިތަކުން ދަނީ އޭއައި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެެއްް ކުރަމުންނެވެ. ނަމަވެސް މިކަމުގެ ޢަމަލުކުރާނެ އުސޫލުތަކާއި ގަވާއިދުތައް ހަދާފައިނުވާތީ ބައެއް ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޗައިނާގައި އިންޓަނެޓް މެދުވެރިކޮށް ކުރާ އެކިއެކި މަސައްކަތްތައް ރެގިއުލޭޓްކުރާ މައި އިދާރާ ކަމަށްވާ، ސައިބަރ ސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާއިން މިދިޔަ ބުރާސްފަތިދުވަހު ވަނީ ޗައިނާގައި އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ޓެކްނޮލޮޖީ ތަރައްގީކުރުމާއި ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިންތައް އާއްމުކޮށްފައެވެ. އަދި އަންނަމަހުގެ 15 ވަނަ ދުވަހުން ފެށިގެން މި އުސޫލުތަަކަށް އަމަލުކުރަން ފަށަން ވަނީ ނިންމާފައެވެ.

ހަބަރުތައް ބުނާގޮތުން ޗައިނާއިން އޭއައިއާ ގުޅޭގޮތުން ނެރުނު އުސޫލުތަކުގައި ކުރިން ލަފާކޮށްފައިވާ ވަރުގެ ހަރުކަށިކަމެއް ނެތެވެ. އެއީ ކުރިއަރަމުން އަންނަ އެ ދާއިރާ ތަރައްގީކޮށް،, ވަޒީފާގެ ފުރުސަތު އިތުރުކޮށް، އިގްތިސާދީ ދުވެލި ހަލުވިކުރަން ޗައިނާއިން ބާރު އެޅުމަށް ޗައިނާއިން ފިޔަވަޅެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ޗައިނާއިން މީގެ އެތައް މަހެއް ކުރިން އެ ގައުމުގެ ޓެކް ކުންފުނިތަކުގެ ތެރެއިން ވިޔަފާރީގެ އުސޫލުތަކާއި ހިލާފުވެފައިވާ ކުންފުނިތަކާއި ދެކޮޅަށް ހިންގި ތަހުގީގުތައްވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ނިންމާލާފައެވެ. އޭގެ ސަބަބުން އެ ކުންފުނިތަކުގެ ތެރެއިން އޭއައިގެ އެކި ހިދުމަތްތައް ލޯންޗުކުަރަން ތައްޔާރުވެފައި ތިބި ކުންފުނިތަކަށް އެ މަސައްކަތާއިގެން ކުރިއަށް ދިއުމަށް ހުރި ދަތިތައް ވަނީ ފިލައިގެން ގޮސްފައެވެ.

އޭއައިއާ ގުޅޭގޮތުން ޗައިނާއިން އެކުލަވާލި އުސޫލުތައް ހިނގާނީ ޗައިނާގެ އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށްކަމަށް އެ ގައުމުގެ ކަމާއިބެހޭ އިދާރާތަކުން ބުނެއެވެ. އަދި އެކި ރިސާޗު ސެންޓަރުތަކުގައި ތަރައްގީ ކުރަމުން އަންނަ އޭއައި ޓެކްނޮލޮޖީއާއި، އެ ގައުމުން ބޭރުގައި ބޭނުންކުރަން ތަރައްގީކުރާ ޓެކްނޮލޮޖީތަކަށް މި އުސޫލެއް ނުހިނގާނެއެވެ.

މިއުސޫލުގެ ދަށުން އެންމެ ބޮޑަށް ރެގިއުލޭޓްކުރާނީ ޗެޓްޖީޕީޓީފަދަ ޖެނެރޭޓިވް އޭއައިގެ ހިދުމަތްތަކެވެ. ރައްޔިތުންގެ ހިޔާލަށް ނުފޫޒު ފޯރުވޭ މިފަދަ އޭއައި ޓެކްނޮލޮޖީތައް ތަރައްގީ ކުރާ ފަރާތްތަކުން ސެކިއުރިޓީ ރެވިއު އާއި އެ ފަރާތްތަކުން ބޭނުންކުރާ އަލްގޮރިދަމްތައް ރަޖިސްޓްރީކުރަންޖެހޭނެއެވެ.

ޗެޓްޖީޕީޓީ ފަދައިން އިންސާނުންކުރާ ސުވާލުތަކަށް ޖަވާބުދީ އަދި އެހެނިހެން ކަންކަން ކޮށްދޭ ޗެޓް ބޮކްސްތައް ތަރައްގީިކުރަން ބޭނުންވާ ކުންފުނިތައް ޗައިނާގައިވެސް ދަނީ އިތުރުވަމުންނެވެ. ހަބަރުތައް ބުނާގޮތުން ޗައިނާގެ ކުންފުނިތަކުން ތިބީ އެ ގައުމުން މިކަމާއި ގުޅޭ އުސޫލުތައް ނެރެންދެން މަޑުކޮށްގެންނެވެ. އަނެއްކޮޅުން މިއީ އަނެއްކާވެސް ޗައިނާ އާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ވާދަވެރިކަމެއް އުފެދޭނެ ދާއިރާއެއްކަމަށްވެސް ތަޖުރިބާކާރުން ލަފާކުރެއެވެ.

ތަޖުރިބާކާރުންނާއި އެހެން ގައުމުތަކުގެ ސިޔާސީ ބޭފުޅުން ބުނާގޮތުން ގައުމުތަކުން އަޅާ ނުލައި ތިއްބާ އޭއައިއާ ގުޅޭ އުސޫލުތައް ޗައިނާއިން އެކުލަވާލުމަކީ އެގައުމުން ޓެކްނޮލޮޖީގެ ދާއިރާގައި ހޯދި ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ޗައިނާއިން އޭއައި ޓެކްނޮލޮޖީ ރެގިއުލޭޓްކުރަން ފަށާފައި މިވަނީ މި ޓެކްނޮލޮޖީ ތަރައްގީކުރާ ކުންފުނިތަކުންވެސް އެފަދަ އުސޫލުތައް އެކުލަވާލަން ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންދާ ދަނޑިވަޅެއްގައިކަންވެސް ފާހަގަކޮށްލެވެއެވެ.