ޚަބަރު

ހައްޖުވެރިންގެ ފަހު ފްލައިޓް ރާއްޖެ އަތުވެއްޖެ


  • ޙައްޖުވެރިންގެ ފަހު ފްލައިޓުގައި 290 ޙައްޖުވެރިންވަނީ ރާއްޖެއަށް އައިސްފައި

  • ފަހު ފްލައިޓުގައި އައިސްފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ ގްރޫޕެއް

  • ފަހު ފްލައިޓުގައި އައި ޙައްޖުވެރިންނާއި ނައިބު ރައީސްވަނީ ބައްދަލުކުރައްވާފައި

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ ޙައްޖުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ޙައްޖުވެރިން ގޮވައިގެން އައި ފަހު ފްލައިޓު ރާއްޖެއައީ މިއަދު މެންދުރުފަހުއެވެ.

200 ހައްޖުވެރިން ގޮވައިގެން އައި މި ފްލައިޓުން އައިސްފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ގްރޫޕެކެވެ.

މި ފްލައިޓުން ރާއްޖެ އައި، ހައްޖުވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ބައްދަލުކުރައްވާފައެވެ. ޙައްޖުވެރިންގެ ކަންކަން ބެއްލެވުމަށް މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމްމެވެ.

ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް، މިއަހަރު ރާއްޖެއަށް ލިބިފައިވާ ރަސްމީ ކޯޓާގެ ދަށުން ޙައްޖު ކޯޕަރޭޝަނާއި އިތުރު 3 ޖަމާޢަތަކުން 1000އަށްވުރެ ގިނަ މީހުން ވަނީ ޙައްޖަށް ގޮސްފައެވެ. މިގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި 881 މީހަކު ޙައްޖަށް ގޮސްފައިވާއިރު 3 ޖަމާޢަތަކުންވެސް ހައްޖަށް މީހުން ގެންގޮސްފައިވެއެވެ. އެއީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕާއި، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕާއި، އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑެވެ. މީގެއިން ކޮންމެ ޖަމާޢަތަކުން ވަނީ 90 މީހުން ހައްޖަށް ގެސްގޮސްފައެވެ.

ޙައްޖަށް ދިޔަ ދިވެހިން ރާއްޖެއަށް އައިސްފައިވަނީ 6 ފްލައިޓުގައެވެ. ފުރަތަމަ ފްލައިޓު ރާއްޖެއަށް އައީ މިމަހުގެ 7 ވަނަ ދުވަހުގައެވެ. މިއަހަރު ޙައްޖުގެ އަޅުކަމަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން 4 ދިވެއްސަކު ވަނީ ނިޔާވެފައެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 2 މިލިއަނަށްވުރެ ގިނަ ޙައްޖުވެރިންވަނީ މައްކާއަށް ގޮސްފައެވެ. މިއީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށްފަހު، އެންމެ ގިނަ މީހުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސަޢުދީން އަހަރެވެ.