ޚަބަރު

ސާކްގެ އައު ސެކްރެޓަރީ ޖެނެރެލްގެ މަޤާމަށް ބަންގްލަދޭޝް ބޭފުޅެއް


  • ސާކްގެ ސެކްރެޓަރީ ޖެނެރަލެއްގެ ދައުރަކީ 3 އަހަރު

  • މިއީ 15 ވަނަ ސެކްރެޓަރީ ޖެނެރަލް

  • މިއީ މި މަޤާމް ފުރުއްވާ ބަންގްލަދޭޝްގެ 3 ވަނަ ބޭފުޅާ

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބަންގްލަދޭޝްއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެމްޑީ.ގޯލަމް ސަރުވާރު ޢައްޔަންކުރައްވައިފިއެވެ.

މިއީ ސާކް ވުޖޫދުވިފަހުން މި މަޤާމަށް ޢައްޔަނުކުރެވުނު 15 ވަނަ ބޭފުޅާއެވެ. އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ ބޭފުޅަކު މި މަޤާމަށް ޢައްޔަނުކުރެވުނު 3 ވަނަ ފަހަރެވެ.

ކެރިއާ ޑިޕްލޮމެޓެއް ކަމަށްވާ އެމްޑީ.ގޯލަމް ސަރްވާރަކީ ބަންގްލަދޭޝް ސިވިލް ސަރވިސް (ފޮރިން އެފެއާޒް)ގެ 10 ވަނަ ބެޗަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. 1991 ވަނަ އަހަރު ޑިޕްލޮމެޓިކް ދާއިރާގެ ޚިދުމަތާ ގުޅިވަޑައިގެން އެމްޑީ.ގޯލަމް ސަރުވާރު ވަނީ އަމިއްލަ ޤައުމާއި، ޤައުމުން ބޭރުގައި އެކި މަޤާމުތަކުގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.

މިހާރު ހުރި މަޤާމާއި ޙަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ބަންގްލަދޭޝްއިން އޮމާން އަދި ސްވިޑަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ޖިއްދާގައި ހުންނަވާ ކޮންސުލް ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައެވެ. އޭނާގެ ޑިޕްލޮމެޓިކް ކެރިއަރުގައި ޔަންގޮން، ކުއާލަލަމްޕޫރު، ކަތުމަންޑޫ އަދި ވޮޝިންޓަން ޑީސީގައި ހުންނަ ބަންގްލަދޭޝްގެ މިޝަންތަކުގައިވެސް މަސައްކަތް ކުރެއްވިއެވެ.

ބަންގްލަދޭޝްގެ ނޮއާޚާލީއަށް ނިސްބަތްވާ އެމްޑީ.ގޯލަމް ސަރުވާރު ވަނީ ޔުނިވަރސިޓީ އޮފް ޑާކާއިން މާސްޓާސް އިން އެކައުންޓިން ޙާސިލުކުރައްވާފައެވެ. އަދި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ބަންގްލަދޭޝްގެ ދަށުން ހިންގާ މަޝްހޫރު ޗާޓަޑް އެކައުންޓެންޓްސް އެންޑް މެނޭޖްމަންޓް ކޮންސަލްޓަންޓް ފާމަކުން އާޓިކަލް ސްޓޫޑަންޓްޝިޕް ފުރިހަމަ ކުރައްވާފައިވެއެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރަކީ 3 އަހަރު ދުވަހެވެ. އެންމެފަހުން މި މަޤާމު ފުރުއްވާފައިވަނީ ސްރިލަންކާއަށް ނިސްބަތްވެވަޑައިގަންނަވާ އީސާލާ ރޫވަން ވީރަކޫންއެވެ.

ދެކުނު އޭޝިއާ ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން އެއްބާރުލުންދީ ގުޅުން ބަދަހިކޮށް، އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ސާކް އުފައްދާފައިވަނީ 1985 ވަނަ އަހަރުގެ ތެރޭގައެވެ.

ޛެހެނީ

ކޮން އިރަކުންތޯ ރާއްޖެއާ ޖެހެނީ.