ޚަބަރު

ކޮންމެ ޤައުމަކާއެކުވެސް ރާއްޖެއަށް މަސައްކަތް ކުރެވޭނެ: ޝާހިދު


  • ރާއްޖޭގައި އިންޑިއާގެ އެހީތެރިކަމާއެކު ވަރަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދޭ

  • ރާއްޖެއި އިންޑިއާއާއި އޮތް ގުޅުން މާ ވަރުގަދަކަމަށް ވިދާޅުވި

  • އިންޑިއާގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބޭ އެއް ދާއިރާއަކީ އިންސާނީ ވަސީލަތުގެ ދާއިރާ

މިސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ކޮންމެ ޤައުމަކާއެކުވެސް ގުޅިގެން މަސައްކަތްކުރެވޭނެ ސިޔާސަތެއްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަރވިއުއެއްގައެވެ.

މިނިސްޓަރ ޝާހިދު އިންޑިއާއަށް ވަޑައިގަތީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރުގެ ދަޢުވަތަކަށެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ޚާއްސަ މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން، ހަނިމާދޫ އެއަރޕޯޓުގެ މަޝްރޫޢާއި، ތިލަމަލެ ބްރިޖު މަޝްރޫޢުއާއި، ރަށްރަށުގައި ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަން މިނިސްޓަރ ޝާހިދުގެ އިންޓަރވިއުގައި ފާހަގަކުރެއްވިއެވެ.

އިދިކޮޅު ސިޔާސި ފަރާތްތަކުން "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގާ ހަރަކާތްތަކާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން، މިނިސްޓަރ ޝާހިދު ވަނީ އެ ހަރަކާތްތަކުގައި އެއްވެސް ބާރެއް ނެތް ކަމަށާއި، އިދިކޮޅުން އެ ހަރަކާތްތައް ކުރިއަށް ގެންދަނީ ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ރަނގަޅުކަމެއް އެމީހުންގެ އަތުގައި ނެތުމުންކަމަށް ވިދާޅުވެފައެވެ. އަދި އެ ހަރަކާތް އިދިކޮޅަށް ކާމިޔާބު ނުވާނެކަމަށާއި، އޭގެ ބަދަލުގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން މާ ވަރުގަދަވާނެ ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ އިންޑިއާ އަކީ ރާއްޖޭގެ ވަރަށް ގާތް ރަހުމަތްތެރި ޤައުމެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖެ ހުރިހާ ޤައުމަކާއި އެއްކޮށްވެސް މަސައްކަތް ކުރާނެކަމަށާއި، ހުރިހާ ޤައުމަކާއިވެސް ރަޙުމަތްތެރިކަން ބާއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ޚަރިޖީ ސިޔާސަތަކީ އެއްވެސް ޤައުމަކާއި ދުޝްމިނުވުމެއް ނެތް، އެކީގައި މަސައްކަތްކުރެވޭނެ ސިޔާސަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


އިންޑިއާއިން ރާއްޖެއަށް އެހީ ތެރިކަން ފޯރުކޮށްދެއްވި ދާއިރާތަކާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ ޝާހިދު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާ އެއް ދާއިރާއަކީ އިންސާނީ ވަސީލަތްތައް ބިނޤކުރުމުގެ ދާއިރާކަމަށެވެ. އެގޮތުން، މިހާތަނަށް ހާހަކަށްވުރެ ގިނަ ދިވެހީން އިންޑިއާގައި ތިބިގެން، ތަމްރީނުކޮށް ތަޖުރިބާގެ އެކި ފުރުޞަތުތައް ދަހިކޮށްދެވިފައިވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ޕުރޮގުރާމުތައް އަބަދުވެސް ކުރިއަށްދާނެ ކަމަށާއި، އިންޑިއާއިން އެހީގައި ހިންގާ މިފަދަ ތަމްރީނު ޕްރޮގުރާމުތައް، އަބަދުވެސް ފާހަގަކުރަން ޖެހޭކަމަށް، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ޒަރިއްޔާއިން، ރާއްޖޭގެ އިޤްތިޞާދާއި ގުޅޭ މުހިންމު ދާއިރާތަކާއި ގުޅޭ މަޢުޟޫތަކަށް މަޝްވަރާ ކުރެވިގެންދާނެކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދިއުނަށް ނިންމަވާފައިވާ 9 މަޝްރޫޢުއަކާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.