ޚަބަރު

ކެނެރީ އައިލެންޑްސް ކައިރިއަށް ކަނޑުވި 86 މީހުން ސަލާމަތްކޮށްފި


ސްޕެއިންގެ ހުޅަނގުދެކުނު ފަރާތުގައި އޮންނަ ކެނެރީ އައިލެންޑްސްގެ އައްސޭރިފަށުން ދަތުރުކުރަނިކޮށް ހާލުގައި ޖެހުނު އޮތް ބޯޓެއްގައި ތިބި 86 ރެފިއުޖީން ސަލާމަތްކޮށްފިއެވެ. އެ ބޯޓު ފެނިފައި ވަނީ 200 އެއްހާ މީހުންނާ އެކު ސެނެގޯލުން ފުރައިގެން ކެނެރީ އައިލެންޑްސްއަށް ދަތުރުކުރަނިކޮށް ގެއްލުނު އެހެން ބޯޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ރެސްކިޔު މަތިންދާބޯޓަކަށެވެ.

އެ ބޯޓުން ހަ އަންހެނުންނާއި 80 ފިރިހެނުން ސަލާމަތް ކޮށްފައިވާ ކަމުގައި ސްޕެއިންގެ ކޯސްޓްގާޑުން ބުނެއެވެ. ކޯސްޓުގާޑުގެ ތަރުޖަމާނަކު ވިދާޅުވީ ހާލުގައި ޖެހިފައިވާ ބޯޓު ފެނިފައި ވަނީ ކެނެރީ އައިލެންޑްސްގެ ދެކުނަށް އޮންނަ ގްރޭން ކެނެރިޔާއާ 71 ނޯޓިކަލް މޭލު ދުރުން ކަމުގައެވެ.

އެއީ، 200 މީހުންނާ އެކު ސެނެގޯލުން ފުރި ފަހުން ގެއްލުނު ބޯޓުކަން އަދި ސާފެއް ނޫނެވެ. އެ ބޯޓުގައި ތިބި 86 މީހުން މިހާރު ވަނީ ގްރޭން ކެނެރިޔާގެ އަރްގީނެގީން ބަނދަރަށް ގެންގޮސްފައެވެ. އަދި، ރެޑް ކްރޮސްގެ އޮފިޝަލުން ދަނީ އެ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ހިޖުރަކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ ވޯކިންގ ބޯޑަރސްގެ އިސް އޮފިޝަލެއް ކަމުގައިވާ އެލޭނާ މަލޭނޯ ވިދާޅުވީ ޖޫން 27 ވަނަ ދުވަހު 200 މީހުންނާ އެކު ސެނެގޯލުން ފުރި ބޯޓު އަދިވެސް ނުފެންނަ ކަމަށާއި، އެ ބޯޓު ހޯދައި އޭގައި ތިބި މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެ ބޯޓުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ތިބި ކަމަށް އޭގައި ތިބި މީހުންގެ ޢާއިލާތަކާ ހަވާލާދީ މަލޭނޯ ވިދާޅުވިއެވެ.

ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު ދެ ބޯޓެއް ހޯދުމަށް ވެސް ސްޕެއިންގެ ކޯސްޓްގާޑުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް ބޯޓުގައި 65 މީހުން ތިބި ކަމަށް ބެލެވޭއިރު، ދެވަނަ ބޯޓުގައި 50އާއި 60އާ ދެމެދުގެ ޢަދަދަކަށް ރެފިއުޖީން ތިބި ކަމަށް ބެލެވޭ ކަމުގައި މަލޭނޯ ވިދާޅުވިއެވެ. އެ ތިން ބޯޓު ވެސް ފުރާފައި ވަނީ ސެނެގޯލްގެ މަސްވެރި ރަށެއް ކަމުގައިވާ ކެފުންޓީނުންނެވެ. އެ ދެ ބޯޓު ފުރާފައި ވަނީ ޖޫން 23 ވަނަ ދުވަހުއެވެ.

އެފްރިކާ ބައްރުގެ ހުޅަނގުގައިވާ ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރާ ގިނަ ޢަދަދެއްގެ ރެފިއުޖީން ދަނީ މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް ސްޕެއިނަށް ދަތުރު ކުރަމުންނެވެ. އޭގެ ތެރެއިން ގިނަ މީހުން ދަތުރު ކުރަނީ ކެނެރީ އައިލެންޑްސްއަށެވެ. ހޫނު މޫސުމަކީ މި ފަދަ ދަތުރުތަކުގެ ޢަދަދު އެންމެ ގިނަ މޫސުމެވެ.

ހުސްވި 2022 ވަނަ އަހަރު މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް ކެނެރީ އައިލެންޑްސްއަށް ދަތުރުކުރަން މަސައްކަތްކުރި މީހުންގެ ތެރެއިން 559 މީހުން ކަނޑުވެގެން މަރުވެފައިވާ ކަމަށް ހިޖުރަކުރާ މީހުންނާ ބެހޭ އ.ދގެ އިދާރާ – އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައި.އެމް.އޯ)އިން ބުނެއެވެ. އޭގެ ތެރޭގައި 22 ކުޑަކުދިން ވެސް ހިމެނެއެވެ.

މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ކެނެރީ އައިލެންޑްސްއަށް ދަތުރުކޮށްފައިވާ ރެފިއުޖީންގެ ޢަދަދު 7,213 އަށް އަރާ ކަމުގައި ސްޕެއިންގެ އޮފިޝަލުން ވިދާޅުވެއެވެ. އެއީ، ހުސްވި އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 20 އިންސައްތަ ދަށް ޢަދަދެކެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ކެނެރީ އައިލެންޑްސްއަށް ދަތުރުކޮށްފައިވާ ރެފިއުޖީންގެ ޢަދަދު 8,853 އަށް އަރައެވެ.