ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ އުފުލާފައިވާ މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޟާ ހުށަހެޅުއްވި ދިފާޢީ ހެކިތަކެއްގެ ޞައްޙަކަން ކަށަވަރު ކުރަމުންދާތީ މިމައްސަލާގައި އޭނާއަށް ކޮށްފައިވާ ދަޢުވާތައް މިވަގުތަށް ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އެދިއްޖެއެވެ.
2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ޓޫރިޒަމް ބޭނުމަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ހިފައި މަނީ ލޯންޑަރކުރި މައްސަލައިގައި ދަޢުވާލިބޭ, މއ.ކުރިކީލަހހިޔާ, އަޙްމަދު ކުރިކް ރިޟާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާއި ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައިނުވެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މިމައްސަލާގައި އަޙްމަދު ކުރިކް ރިޟާގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިތަކެއްގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ގެންދަނީ އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުން ކަމަށެވެ. ކުރިކް ރިޟާގެ ބައިގައި ދިމާވި މި ޙާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ޤާނޫނީ ގޮތުން އޮތީ ބަންދުވެފައިކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލައަކީ ޢާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދަޢުވާލިބޭ އެކެއްގެ ބައިގައި ދިމާވި ޙާލަތަކާއި ގުޅިގެން ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވުމަކީ ޢާންމު މަސްލަޙަތު އޮތްގޮތްކަމަށް ނުފެންނާތީ, ކުރިކް ރިޟާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި, އެ ދަޢުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައިދެއްވުމަށް އެދިފައިވާކަމަށެވެ.
ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގާފައިވާކަމަށް ބުނާ ޚިޔާނާތާ ގުޅިގެން ރިޟާގެ އިތުރުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށްވެސް ދައުވާކޮށްފައެވެ. ޔާމީންގެ މައްޗަށް އުފުއްލަވައިފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދަޢުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދަޢުވާއެވެ. ރިޟާގެ މައްޗަށް އުފުއްލަވައިފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދަޢުވާއެވެ.