ދުނިޔޭގެ ވިޔަފާރި

ކަސްޓަމަރުންނަށް އޮޅުވާލުމުން ބެންކް އޮފް އެމެރިކާއަށް 250 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް!


  • 2012 ވަނަ އަހަރުން ފެށިގެން ކަސްޓަމަރުންނަށް އޮޅުވާލުމަށް ގިނަ ކަންތައްތަކެއް

  • ކަސްޓަމަރުންނަށް ނޭނގި އެކައުންޓްތައް ހުޅުވާފައިވޭ

  • ބައެއް ފީތައް ޑަބަލްކޮށް ޗާޖުކޮށްފައިވޭ

އެމެރިކާގެ އެންމެ ބޮޑު ބެންކުތަކުގެ ތެރޭގައި ހިމެނޭ، ބެންކް އޮފް އެމެރިކާއިން ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލަފަށް އެތައް ކަމެއްކޮށްފައިވާކަން ސާބިތުވެގެން 250 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ނިންމައިފިއެވެ.

އެމެރިކާގެ ދެ އިދާރާއެއްކަމަށްވާ ކޮންޒިއުމަރ ފައިނޭންޝިއަލް ޕްރޮޓެކްޝަން ބިއުރޯ އާއި އޮފީސް އޮފް ދަ ކޮންޓްރޯލަރ އޮފް ދަ ކަރަންސީން ނެރުނު ބަޔާނެއްގައި ބުނީ ބެންކް އޮފް އެމެރިކާއިން 2012 ވަނަ އަހަރުން ފެށިގެން ކަސްޓަމަރުންނަށް އޮޅުވާލައިގެން އެތައް އާމްދަނީއެއް ހޯދާފައިވާކަމަށެވެ. އޭގެތެރޭގައި ބައެއް ފީތައް އިތުރަށް ނުވަތަ ޑަބަލްކޮށް ނެގުމާއި، ކްރެޑިޓް ކާޑަށް ލިބޭ ޕޮއިންޓްތައް ހިފެހެއްޓުމާއި އަދި ވެރިފަރާތަށް ނޭނގި އެކައުންޓްތައް ބެންކް އޮފް އެމެރިކާއިން ހުޅުވާފައިވާކަމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

މި މައްސަލަތައް ތަހުޤީޤްކުރުމަށްފަހު 250 މިލިއަން ޑޮލަރުން އެ ބެންކު ޖޫރިމަނާކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ކަސްޓަމަރުންނަށް ލިބުނު ގެއްލުންތަކަށް ބަދަލުގެ ގޮތުގައި 100 މިލިއަން ޑޮލަރު އަދި އުސޫލުތަކާއި ހިލާފަށް އަމަލުކުރުމުން ޖޫރިމަނާގެ ގޮތުގައި 150 މިލިއަން ޑޮލަރެވެ.

ޖޫރިމަނާގެ ފައިސާ ދައްކަން ބެންކުން އެއްބަސްވެފައިވާއިރު، އިސްލާހުކުރަން އަންގާފައިވާ ކަންކަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އިސްލާހުކުރުމަށްވެސް އެ ބެންކުން ވަނީ އެއްބަސްވެފައެވެ.

ބެންކް އޮފް އެމެރިކާގެ އިތުރުން އެ ބެންކަށް ލަފާދޭ ފައިނޭންޝަލް ފަރމެއްކަމަށްވާ މެރިލްވެސް ވަނީ 12 މިލިއަން ޑޮލަރުން ޖުރިމަނާކޮށްފައެވެ. އެއީ ބެންކުގެ ތެރެއިން ޝައްކުވާފަދަ މުއާލާތްތައް ފެނުމުންވެސް އެކަން ރިޕޯޓްކޮށްފައިނުވާތީއެވެ.