ޚަބަރު

އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ލިބޭނީ 2 ހަފްތާ: އީސީ


  • ރީ-ރަޖިސްޓްރީ ކުރުމަށް މިމަހުގެ 16 ވަނަ ދުވަހު ހުޅުވާލާނެ

  • ރީ-ރަޖިސްޓްރީ ކުރާ އޮންލައިން ޕޯޓަލްގެ ޑެމޯއެއް މިއަދު ދައްކާލާފައިވޭ

  • އޮފިޝަލުންގެ ޓްރެއިނަރުން ތަމްރީނު ކުރުން ޖުލައި 15ގައި ފަށާނެ

ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށަކަށް ވޯޓުލުމަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރުމަށް ލިބޭނީ ދެ ހަފްތާގެ މުއްދަތެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެކޮމިޝަނުން މިކަން ހާމަކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބެއްވި ޕްރެސްކޮންފަރެންސްގައެވެ.

މީޑިއާއަށް މަޢުލޫމާތުދެއްވުމަށް އިންތިޚާބީ މައި މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވީ، ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނަކަށް ރަޖިސްޓްރީވުމަށް މިމަހުގެ 16 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ. އަދި އޯގަސްޓް 5ވަނަ ދުވަހާއި ހަމައަށް ރީ-ރަޖިސްޓްރޭޝަންގެ ފުރުޞަތު އޮންނާނެކަމަށް ފުއާދު ވިދާޅުވިއެވެ. މިގޮތުން ރީ- ރަޖިސްޓްރޭޝަނަށް 3 ހަފްތާގެ މުއްދަތެއް ދެއްވުމަށް ހަމަޖެހިފައިވާއިރު އޮންލައިންކޮށް ރަޖިސްޓްރީވުމަށް ދެއްވާނީ ދެހަފްތާގެ މުއްދަތެއްކަމަށްވެސް ފުއާދު ވިދާޅުވިއެވެ. އަދި ފަހު ހަފްތާގައި ރީ-ރަޖިސްޓްރީކުރެވޭނީ ފޯމް ހުށައަޅުއްވައިގެންކަން ފުއާދު ފާހަގަކުރެއްވިއެވެ. މިއީ އިންތިޚާބެއްގައި ރީ-ރަޖިސްޓްރޭޝަނަށް އޮންލައިންކޮށް ފުރުޞަތު ހުޅުވާލާ ފުރަތަމަ ފަހަރެވެ.

"ރީ-ރަޖިސްޓްރީގެ މަސައްކަތް މިއަންނަ އާދިއްތަ ދުވަހު، ޖުލައި މަހުގެ 16 ވަނަ ދުވަހު އަޅުގަނޑުމެން މި ފަށަނީ. މި ފަހަރުގެ ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތް ދެ ގޮތަކަށް ކުރިއަށް ދާނެ. އެއީ މީގެ ކުރިންވެސް ތައްޔާރުކުރެވިފައިވާ ގޮތަށް ފޯމެއް ހުށަހަޅުއްވާގެން. ފޯމެއް ހުށަހަޅުއްވާގެންވެސް ރީ-ރަޖިސްޓަރ ކުރެވޭނެ. އޭގެއިތުރުން އަޅުގަނޑުމެން މިވަނީ ޕޯޓަލްއެއް ތައްޔާރު ކުރެވިފަ، އޮންލައިންކޮށް ރީރަޖިސްޓަރ ކުރެވޭ ގޮތަށް" ފުއާދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، އިލެކްޝަންސް ކޮމިޝަނުން ވަނީ އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރުމަށް ބޭނުންކުރާ ޕޯޓަލް މަސައްކަތް ކުރާނެ ގޮތުގެ ޑެމޯއެއް ނޫސްވެރިންނަށް ދައްކާލާފައެވެ. މީގެ އިތުރުން މި ޕޯޓަލް ބޭނުންކުރާނެ ގޮތާއިމެދު، ޢާންމުންގެ ތެރޭގައި ހޭލުންތެރިކަން އުފެއްދުމަށްޓަކައި، މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށްވެސް އެ ކޮމިޝަންގެ ސެކެރެޓްރީ ޖެނެރަލް ޙަސަން ޒަކަރިއްޔާވަނީ ވިދާޅުވެފައެވެ.

އެގޮތުން ޕީއެސްއެމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ، މި ޕޯޓަލަށް ހޭލުންތެރިކަން އުފެއްދުމަށްޓަކައި ސޯޝަލް މީޑިއާގައި ވީޑިއޯއެއްގެ ޒަރިއްޔާއިން ޢާންމުން އަހުލުވެރިކުރުވުމަށް ރާވާފައިވާ ކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެންނަށް އެހީދޭ ބައެއް ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ އެހީގައި ވީޑިއޯ މެސެޖުތަކެއް ތައްޔާރު ކުރެވިފައި ހުންނާނެ. އެ ވީޑިއޯ ހުރީ ބްރޯޑްކާސްޓިންގ ޗެނަލްތަކެއް މެދުވެރިކޮށް އަޅުގަނޑުމެން މި ބަލަނީ ޢާންމުންނާއި ހަމައަށް ގެނެސްދެވޭނެކަމަށް. އަދި ކޮންމެ ރަށެއްގެ (އިލެކްޝަންސް ކޮމިޝަންގެ) ފޯކަލް ޕޮއިންޓުތައް މެދުވެރިކޮށް އަޅުގަނޑުމެންނަށް އެ (ޕޯޓަލް) އާއި ގުޅޭ މަޢުލޫމާތުތައް ފޯރު ކޮށްދެވޭނެ" ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިރު، 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި، މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުން ރީރަޖިސްޓްރީ ކުރާކަށެއް ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އެގޮތުން، އެ ދުވަހު ހެނދުނު 8 އިން ހަވީރު 4އަށް ވޯޓު ލުމަށް ގަޑި ކަނޑައަޅަފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް 604 ވޯޓު ފޮށި ބެހެއްޓުމަށްވެސް އިލެކްޝަންސްކޮމިޝަނުން ވަނީ ނިންމަވާފައެވެ.