ޚަބަރު

ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އަދީބަށް ދެއްވައިފި


  • އަދީބު ބޭސްފަރުވާއަށް ވަޑައިގަތުމަށް ދެއްވީ 10 ދުވަހުގެ މުއްދަތެއް

  • ބޭސްފަރުވާއަށް ވަޑައިގަންނަވަނީ ސިންގަޕޫރަށް

  • އަދީބު ގެންދަވަނީ 20 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން

  • ސިއްޙީ ޙަލަތު ހުރިގޮތުން ކަރެކްޝަނުން ވަނީ އަދީބު ގޭބަންދަށް ބަދަލުކޮށްދީފައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޢަބްދުލް ޣަފޫރު ސިއްޙީ ފަރުވާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުޞަތު، މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ދީފިއެވެ. މަނީ ލޯންޑްރިންގެ ކުށުގައި ހުކުމް ތަންފީޛް ކުރަމުންދާ އަޙްމަދު އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ، ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ އަދީބަށް ދެއްވީ، މެޑިކަލް ބޯޑުގެ ލަފައާއެކުކަމަށެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދީފައި މިވަނީ، ދާދިފަހުން އައިޖީއެމްއެޗުގެ އެމެޖެންސީގައި ފަރުވާ ހޯއްދަވާފައިވަނިކޮށެވެ.

އަދީބުގެ ނިސްބަތްވެވަޑައިގަންނަވާ އެމްޓީޑީން ބުނީ އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުންކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ނޫންކަމަށްވެސް އަދީބުގެ އާއިލާއިން ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.