ޚަބަރު

"މިނިވަން އުފާ" ކާނިވަލުގައި ކުޅިވަރާއި ކާބޯތަކެތީގެ ސްޓޯލްތަކަށް ފުރުޞަތު ހުޅުވާލައިފި


  • ކާނިވަލް އޮންނާނީ ޖުލައި 28 އިން އޯގަސްޓް 4 އަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި

  • ކާބޯތަކެއްޗަށް ޚާއްސަ ސްޓޯލްތަކަށް 40 ފުރުޞަތު

  • ކުޅިވަރުތަކަށް ޚާއްސަ ސްޓޯލްތަކަށް 20 ފުރުޞަތު

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީ ގުޅިގެން ޚާއްސަ ކާނިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.

"މިނިވަން އުފާ" މި ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މިމަހުގެ 28 އިން އަންނަމަހުގެ 4 އަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ކާނިވަލުގެ ތެރެއިން ކުޅިވަރާއި ކާބޯތަކެތީގެ ސްޓޯލްތައް ބައިވެރިކުރުމުގެ ފުރުޞަތު ހޯމް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ.

މި ކާނިވަލުގައި ކާބޯތަކެތީގެ ސްޓޯލްތައް ހިންގުމަށް ބޭނުންވާ، 40 ފަރާތަކަށް ފުރުޞަތު ދޭ ގޮތަށް ނިންމާފާއިވާއިރު، ކުޅިވަރާއި ގުޅޭ ސްޓޯލްތައް ހުޅުވުމަށް ބޭނުންވާ 20 ފަރާތަކަށް ފުރުޞަތު ދޭ ގޮތަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓްރީއިން ވިދާޅުވެއެވެ.

އެގޮތުން މި ކާނިވާގައި ފުޑް ސްޓޯލް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޮންމެ ފަރާތަކަށްވެސް، 10 ފޫޓު ފުޅާ، ހިޔާކޮށްފައިވާ ސްޓޯލެއް ގޮޑި އާއި މޭޒާއިއެކު ލިބޭނެކަމަށް ހޯމް މިނިސްޓްރީއިން ކޮށްފައިވާ އިޢުލާނުގައި ވެއެވެ. ހަމައެހެންމެ، 7 ބާވަތެއްގެ ކާތަކެތި، ސްޓޯލްތަކުގައި ހިންގިދާނެކަމަށްވެސް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއިން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފާވެއެވެ.

މިނިވަން އުފާ ކާނިވަލުގައި ކާބޯތަކެތީގެ ސްޓޯލްތައް ހުޅުވުމަށް ބޭނުންވާ ކޮންމެ ފަރާތަކަށްވެސް 10 ފޫޓު ފުޅާ ހިޔާކޮށްފައިވާ ސްޓޯލެއް މޭޒާއި ގޮނޑިއަކާއެކު ލިބޭނެއެވެ. އަދި އެބޭފުޅަކު އަމިއްލައަށް ބޭނުންވާ ސެޓަޕެއް ގެނައުމުގެ އިޚްތިޔާރުވެސް އޮންނާނެއެވެ. ސްޓޯލުގައި ކާބޯތަކެތި ވިއްކައިގެން ލިބޭ ފައިދާ ލިބޭނީ ސީދާ ސްޓޯލް ހިންގާ ފަރާތައްކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ކުޅިވަރު ސްޓޯލްތަކަށް ބޭނުންވާ ޖާގަވެސް "މިނިވަން އުފާ" ކާނިވާގެ ތީމާއެއްގޮތަށް ޒީނަތްތެރިކޮށް އެޗް.ޑީ.ސީއިން ސްޓޯލް ހިންގާ ފަރާތަކަށް ފޯރުކޮށްދޭނެއެވެ. އެހެންނަމަވެސް ސްޓޯލްތަކުން ހިންގާ ކުޅިވަރާއި، ކުޅިވަރު ހަރަކާތުގެ ސެޓަޕް ހަމަޖައްސަން ޖެހޭނީ އެ ފަރާތަކުން އަމިއްލައަށެވެ.

މި ކާނިވަލުގައި ކުޅިވަރު އަދި ކާބޯތަކެތީގެ ސްޓޯލްތައް ހުޅުވުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހޯމް މިނިސްޓްރީން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.