ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހުޅަނގު އައްސޭރީގެ ޖިނީނަށް ދާދިފަހުން އަރައި ހިންގި ލާއިންސާނީ ޖަރީމާތައް ވިލާތުގެ އިއްތިހާދު (އީ.ޔޫ)ން ވެސް ކުށްވެރުކޮށްފިއެވެ. މި މަހުގެ ކުރީކޮޅު ޖިނީނާއި އެ ރަށުގައިވާ ރެފިއުޖީ ކޭމްޕަށް އަރައި ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ހިންގި އުދުވާންތަކުގައި ފަލަސްޠީނުގެ 12 މީހުން ޝަހީދުކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ.
އަސްކަރީ ޑްރޯންތަކާއި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ޔަހޫދީ އަސްކަރިއްޔާގެ ޓެރެރިސްޓު ސިފައިން ހިންގި ޖަރީމާތަކުގައި ފަލަސްޠީނުގެ 140 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލިއެވެ. އޭގެ ތެރެއިން 30 މީހެއްގެ ހާލު ސީރިޔަސް ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. މި އުދުވާންތައް ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން އީ.ޔޫން ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސްވެން ކޫން ފޮން ބޯގްސްޑޯފް ވިދާޅުވީ ޔަހޫދީ ސިފައިން ޖިނީނަށް އަރައި ހިންގާފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއް ކަމުގައެވެ.
އަސްކަރީ މަތިންދާބޯޓުތަކާއި ޑްރޯންތަކާއި ބުލްޑޯޒަރުތައް ބޭނުންކޮށްގެން އެތަކެއް ސަތޭކަ ޔަހޫދީ ސިފައިން ޖިނީން ރެފިއުޖީ ކޭމްޕަށް އަރައި ހިންގާފައިވާ އުދުވާންތަކަކީ މިހާތަނަށް ޔަހޫދީ އިސްރާޢީލުން ހިންގާފައިވާ އެންމެ ނުރައްކާތެރި ޖަރީމާތައް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެ ޖަރީމާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް ޔަހުދީ އިސްރާޢީލަށް އަމާޒުވެގެންދިޔައެވެ.
ފޮން ބޯގްސްޑޯފް ޔަހޫދީ އިސްރާޢީލަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައި ވަނީ، ޖިނީނަށް އަރައި ޔަހޫދީ އިސްރާޢީލުން ހިންގާފައިވާ ޖަރީމާތަކުގެ ސަބަބުން އެ ރަށާއި އެ ރަށުގައިވާ ރެފިއުޖީ ކޭމްޕަށް ލިބިފައިވާ ގެއްލުންތައް ބައްލަވައިލެއްވުމަށް އެ ތަނަށް ކުރެއްވި ޒިޔާރަތަކަށް ފަހުއެވެ. އޭނާ ވިދާޅުވީ ފަލަސްޠީނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ޖައްބާރު ސިފައިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމުގައެވެ.
އެ އުދުވާންތަކާ ގުޅޭ ގޮތުން އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ ޔަހޫދީ އިސްރާޢީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވެސް ވިދާޅުވީ ޔަހޫދީ އިސްރާޢީލުގެ ސިފައިން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ނަހަމަ ގޮތުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމުގައެވެ. އަދި، އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމުގައެވެ. އޭނާގެ ފާޑުކިޔުންތަކަށް މަޢާފަށް އެދެން ޖެހޭނެ ކަމަށް އިސްރާޢީލުން ބުނުމުން ގުތެރޭޝް ވަނީ އެ ކަމަށް ދެކޮޅު ހައްދަވާފައެވެ.
ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިފަކުރާ ގޮތުގައި ޖިނީނަކީ ޓެރެރިސްޓުންގެ ހާއްޔެކެވެ. އޭނާ ޓެރެރިސްޓުންގެ ގޮތުގައި ސިފަކޮށްފައި ވަނީ ފަލަސްޠީނުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް، ޔަހޫދީންގެ އަޅުވެތިކަމުން ފަލަސްޠީނުގެ ރައްޔިތުން މިނިވަންކުރަން ޖިހާދު ކުރަމުންދާ މުޖާހިދުންނަށެވެ.
ފޮން ބޯގްސްޑޯފް ޖިނީނަށް ކުރެއްވި ޒިޔާރަތުގައި އޭނާއާ އެކު އީ.ޔޫގެ 25 ޤައުމެއްގެ އޮފިޝަލުން ހިމެނޭ ވަފުދެއް ވެސް ދަތުރުކުރިއެވެ. "އިސްރާޢީލުން ހިންގަމުންދާ ހަމަނުޖެހުންތައް ވަގުތުން ހުއްޓުވަން ޖެހޭ. މި ކަމަށް ސިޔާސީ ހައްލެއް ނުހޯދިއްޖެ ނަމަ، ކުރިއަށް އޮތް ހަފުތާގައި، އަދި ކުރިއަށް އޮތް މަހުގައި އިތުރު ބަޔެއްގެ ފުރާނަ ގެއްލިގެންދާނެ. މި ކަމަށް އެއްވެސް ބަދަލެއް ނާންނާނެ،" ފޮން ބޯގްސްޑޯފް ވިދާޅުވިއެވެ.
ޖިނީންގައި ޔަހޫދީ އިސްރާޢީލުން ހިންގާފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއް ކަމުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ މިނިވަން ޖަމުޢިއްޔާތަކުން ވެސް ދަނީ ބުނަމުންނެވެ. އަދި، އެއީ ހަނގުރާމައިގެ ކުށްތަކެއްގެ ގޮތުގައި ދެކޭ ކަމުގައި ވެސް އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ތިން ޖަމުޢިއްޔާއަކުން ބުނެފައިވެއެވެ.
ޖިނީން ރެފިއުޖީ ކޭމްޕަކީ 14,000 އަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅޭ ކޭމްޕެކެއެވެ. އެ ތަނަށް ހަމަލަދޭން ޔަހޫދީ އިސްރާޢީލުން ހަ ޑްރޯނެއް ބޭނުން ކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. 2006 ވަނަ އަހަރަށް ފަހު ޔަހޫދީ އިސްރާޢީލުން އަނެއްކާ ވެސް މި ވަނީ ފަލަސްޠީނުގެ މުސްލިމުން ޝަހީދުކުރަން އަސްކަރީ ޑްރޯންތައް ބޭނުންކުރަން ފަށާފައެވެ.