ޚަބަރު

ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް އެއް ވިއުގައަކުން ގުޅާލާ "ވަންގަވް" މާދަމާ ފަށްޓަވަނީ


  • "ވަންގަވް" ޚިދުމަތަކީ ސަރުކާރުގެ އެކި މުއައްސަސާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ހޯދޭނެ ޕްލެޓްފޯމް

  • ފުރަތަމަ ފަށާއިރު ލިބޭނީ، ބައެއް މުއައްސަސާތަކުގެ ޚިދުމަތް

  • މިއީ ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ގެންދާ މަސައްކަތެއް

ސަރުކާރުގެ މުއައްސަސާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް ޤާއިމްކުރި "ވަންގަވް" ޕޯޓަލްގެ ޚިދުމަތް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ. މިއީ ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އާއްމުންނަށް ފަސޭހައިން ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ފަށްޓަވާފައިވާ މަސައްކަތުގެތެރެއިން ފައްޓަވާ ޚިދުމަތެކެވެ.

މި ޕޯޓްލްގެ މަސައްކަތް ކުރިއަށްގެންދަވަނީ މިނިސްޓްރީގެ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން، ޓްރޭޑް ނެޓް ކޯޕަރޭޝަން މެދުވެރިކޮށެވެ.
"ވަންގަވް" ޚިދުމަތަކީ އެއް ޕްލެޓްފޯމެއްގެތެރެއިން ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ޚިދުމަތްތައް އާއްމުންނަށް ލިބޭގޮތަށް ތައްޔާރުކުރައްވާފައިވާ ޕްލެޓްފޯމެކެވެ. އެގޮތުން އެމީހަކު ހުރި ހިސާބެއްގައި ބިވެގެން، ސަރުކާރުގެ ޚިދުމަތްތައް އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ލިބޭނެ މަގު ފަހިވާނެއެވެ. މިއާއެކު ކިއުގައި ޖެހިގެން ޚިދުމަތް ހޯދުމުގައި ހުރި ދަތިތަކަށް ޙައްލު ލިބި، ފަސޭހަ، އަވަސް، ދެފުއްފެންނަ ނިޒާމަކުން ޚިދުމަތް ދެވޭނެއެވެ.

މި ޚިދުމަތާއެކު، ކުރިން ކަރުދާސް ފޯމު ހުށައެޅުމުގައި ޢާއްމުންނަށް ކުރިމަތިވި ދަތިތައް ޙައްލުވެ، ޚިދުމަތްދޭ ދިނުމުގައި އިދާރާތަކަށްވެސް ބޮޑު ލުއިފަސޭހައެއް ލިބޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

"ވަންގަވް" ޚިދުމަތް ފަށާއިރު، ބައެއް މުވައްސަސާތަކުގެ ޚިދުމަތްތައް މާދަމާއިން ފެށިގެން ދެއްވަމުންގެންދަވާނީ އެ ޕްލެޓްފޯމްގެ ތެރެއިންނެވެ. އެގޮތުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ފޯރުކޮށްދޭ ޚިދުމަތްތައްވެސް މާދަމާއިން ފެށިގެން ލިބޭނީ "ވަންގަވް" ޕްލެޓްފޯމްގެތެރެއިންކަމަށް އެ މުއައްސަސާތަކުން ވިދާޅުވެއެވެ.

ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ ޕްރޮޖެކްޓްގެ ތެރެއިން މިހާރު ދަނީ ބައެއް ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދެމުންނެވެ. އެގޮތުން "ގަވް ޑޮކް މެސެޖު" 2021ވަނަ އަހަރު ވަނީ އިފްތިތާޙުކުރައްވާފައެވެ. "ގަވް ޑޮޓް އެމްވީ މެސެޖު"ގެ ޚިދުމަތް ފެށުމާއެކު، ސަރުކާރު އޮފީސްތަކުން ޚިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ ޢާންމު މިންގަނޑުތަކާއި، ޚިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސަރވިސް ޗާޓަރުތައް ޢާންމުކޮށް، އެ ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމްތައް އޮފީސްތަކުގައި މިހާރު ވަނީ ޤާއިމުކުރައްވާފައެވެ.

މީގެއިތުރުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް ދެއްވާ ޚިދުމަތްތައް ދެއްވުމުގައި، ބޭނުންކުރާނެ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމު "އީފާސް"ގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރައްވަމުންނެވެ

މި ޚިދުމަތްތަކުގެ ތެރެއަށް "ޑިޖިޓަލް އައިޑީ ކަރޑް"ގެ ޚިދުމަތް ފެށުމަށް، ޓެސްޓުކުރުމުގެ މަރުހަލާތައްވެސް މިހާރު އަންނަނީ ކުރިއަށްގެންދަވަމުންނެވެ.