ދުނިޔޭގެ ވިޔަފާރި

ޖެކްމާގެ އޭންޓް ގްރޫޕަށް ބިލިއަނެއްހާ ޑޮލަރުގެ ޖޫރިމަނާއެއް!


  • އެކުންފުނިން އުސޫލުތަކާއި ހިލާފުވެފައިވާކަމަށް ސަރުކާރުން ބުނޭ

  • މީގެކުރިން އަލީބާބާ ކުންފުނިވެސް ވަނީ ޖޫރިމަނާކޮށްފައި

  • އޭންޓް ގްރޫޕުން ވަނީ ކަންކަން އިސްލާހުކުރާނެކަމަށް ބުނެފައި

ފައިނޭންޝަލް ޓެކްނޮލޮޖީގެ ޙިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ޗައިނާގެ އޭންޓް ގްރޫޕުން އުސޫލުތަކާއި ހިލާފަށް އަމަލުކޮށްފައިވާކަމަށް ބުނެ، ޗައިނާގެ ކަމާއިބެހޭ އިދާރާތަކުން ބިލިއަނެއްހާ ޑޮލަރުން އެކުންފުނި ޖޫރިމަނާކޮށްފިއެވެ.

މާލީ މުއާމަލާތްތައް ޑިޖިޓަލްކޮށް ހިންގުމާއި ގުޅޭ ފައިނޭންޝަލް ޓެކްނޮލޮޖީގެ އެކި ޙިދުމަތްތައް ފޯރޮކޮށްދޭ އޭންޓް ގްރޫޕަކީ އީކޮމާސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އަލީބާބާ ކުންފުނީގެ ބާނީ އަދި ޗައިނާގެ މަޝްހޫރު ބިލިއަނަރު ޖެކް މާ އުފެއްދި ކުންފުންޏެކެވެ.

ޗައިނާގެ މަރުކަޒީ ބޭންކާއި ސެކިއުރިޓީޒް ރެގިއުލޭޓަރީން ނެރުނު ބަޔާނެއްގައި ބުނީ މާލީ ކަންކަމާއި ގުޅޭގޮތުން ހަދާފައިވާ އުސޫލުތަކާއި ޤަވާއިދުތަކާއި ހިލާފަށް ވަރަށް ގިނަ ކަންކަން އޭންޓް ގްރޫޕުން ކޮށްފައިވާކަމަށެވެ. އެގޮތުން ބޭންކިންނާއި އިންޝުއަރެންސް އަދި އެންޓި-މަނީލޯންޑްރިން އުސޫލުތަކާއި ހިލާފަށް އެ ކުންފުނިން އަމާލުކޮށްފައިވާކަމަށް ޗައިނާގެ ކަމާއިބެހޭ އިދާރާކުން ނެރުނު ބަޔާނުގައިވެއެވެ.

ޗައިނާގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި ހިލާފުވެގެން ޖެކްމާގެ ކުންފުންޏާއި ގުޅޭގޮތުން ބެލި މައްސަލަތައް ތަހުޤީޤުކުރުމަށް ޗައިނާގެ ކަމާއިބެހޭ އިދާރާތަކުން ނިންމާފައިވަނީ 7.1 ބިލިއަން ޔުއާން ނުވަތަ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުން އެ ކުންފުނި ޖޫރިމަނާކުރުމަށެވެ.

ޗައިނާގެ އިދާރާތަކުން އެޅި ފިޔަވަޅާއި ގުޅިގެން އޭންޓް ގްރޫޕުން ނެރުނު ބަޔާނުގައި ބުނީ ޖޫރިމަނާގެ ފައިސާ ދައްކާނެކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި ޤާނޫނުތަކާއި ޤަވާއިދުތަކަށް އިތުރަށް ފަރުވާތެރިވާނޭކަމަށެވެ.

އޭންޓް ގްރޫޕާއި ގުޅޭ މައްސަލަތަކެއް ޗައިނާގެ އިދާރާތަކުން ތަހުޤީޤްކުރަން ފެށީ އެ ކުންފުނީގެ ހިއްސާ ފުރަތަމަ ފަހަރަށް އާއްމުންނަށް ވިއްކުމަށް ތައްޔާރުވަމުންދަނިކޮށް 2020 ވަނަ އަހަރުއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން އޭންޓް ގްރޫޕާއި އަލީބާބާ ކުންފުނީގެ މައްސަލަތަކެއް ބަލަން ފެށީ އެކުންފުނިތަކުގެ މުއްސަނދިކަން އިތުރުވެ، އެ ވިޔަފާރިތައް ކޮންޓްރޯލްކުރާ ޖެކްމާގެ ބާރު ގަދަވެ، އެކަމުން ޗައިނާ ސަރުކާރަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ. މިގޮތުން ވިޔަފާރިތައް މާބޮޑަށް ކޮންޓްރޯލް ކުރަން އުޅޭކަމަށް ބުނެ 2021 ވަނަ އަހަރު ޗައިނާ ސަރުކާރުން ވަނީ އަލީބާބާ ކުންފުނި 2.5 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އަދި ޖެކްމާ ވަނީ މިއަހަރު ކުރީކޮޅު އޭންޓް ގްރޫޕްގައި އޮތް އޭނާގެ މެޖޯރިޓީ ހިއްސާވެސް ދޫކޮށްލާފައެވެ. މިކަންކަމުގެ އިތުރުން ރެގިއުލޭޓަރުން ބޭނުންވާ ގޮތަށް ޖެކްމާގެ ކުންފުނިތަކުގެ އޮނިގަނޑުވެސް ދަނީ ބަދަލުކުރަމުންނެވެ.

ޖެކްމާގެ އޭންޓްގްރޫޕްގެ އިތުރުން މިދިޔަ ހުކުރު ދުވަހު ޗައިނާ ސަރުކާރުން ވަނީ އޮންލައިންކޮށް ފައިސާ ދެއްކުމުގެ ހިދުމަތް ފޯރުކޮށްދޭ ޓެންޕޭ ކުންފުނިވެސް 415 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.