ޚަބަރު

މިއަހަރުގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑަމީން ޚާއްޞަ ޙަރަކާތްތަކެއް


  • ދިވެހި ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ޖުލައިމަހުގެ 8 ވަނަ ދުވަހު

  • ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑެމީން ގިނަ ކަންތައްތަކެއް ކުރައްވަން ރާއްވަވައިފައިވޭ

  • ދިވެހި ލިޔުންތެރިންގެ ދުވަހުގެ ޝިޢާރަކީ "މުޖުތަމަޢުގެ މަސްލަޙަތު، ލިޔުންތެރީންގެ މަސްއޫލިއްޔަތު"

މި އަހަރުގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރެއްވުމަށްޓަކައި ދިވެހިބަހުގެ އެކެޑެމީން ޚާއްޞަ ޙަރަކާތްތަކެއް ހިންގަވަން ވަނީ ހަމަޖައްސަވައިފައެވެ. ދިވެހިބަހުގެ އެކެޑަމީގެ ކޮންސަލްޓަންޓް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޕީއެސްއިމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، މިދުވަސް ފާހަގަކުރުމަށްޓަކައި، ދިވެހި ލިޔުންތެރިންނާއި ގުޅިގެން ބާއްވަވާ ޚާއްސަ ޕެނަލް ޑިސްކަޝަންއެއް އޮންނާނެއެވެ. ދިވެހި ލިޔުންތެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ، ތަންކޮޅެއް ފަހުގެ ތާރީޚެއްގައި ބާއްވަން ހަމަޖެހިފައިވާ ކަމަށްވެސް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

"ތަންކޮޅެއް ފަހުގެ ތާރީޚެއްގައި ލިޔުންތެރިންގެ ދުވަހުގައި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ. އެ ޖަލްސާގައި ލިޔުންތެރިކަމާގުޅޭ ބައެއް މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުންވެސް އޮންނާނެ" ޢަބްދުލް ޢަޒީޒް ވިދާޅުވިއެވެ.

ދިވެހިބަހުގެ އުސްތާޛް ޢަބްދުލް ޢަޒީޒް ވިދާޅުވީ، ދިވެހި ލިޔުންތެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ވަރަށް ޚާއްޞަ ކަންތައްތަކެއް ކުރެއްވުމަށް ދިވެހިބަހުގެ އެކެޑެމީން ރާއްވަވައިފައިވާ ކަމަށެވެ. އެގޮތުން، އެ ޙަފްލާގައި، ސަރުކާރު ލިޔެކިޔުންތައް ހުންނަންވާނެ ގޮތުގެ އުޞޫލެއް ކަނޑައެޅުއްވުން އޮންނާނެ ކަމަށާއި، ތާނައަށް ތިކިޖަހާގެން ނުވަތަ ނުކުތާ ޖަހާއިގެން ބޭނުންކުރާ އަކުރުތައް، ބޭންކުރުމުގެ އުޞޫލެއް ޢާންމުކުރެއްވުން ވެސް އޮންނާނެކަން ޢަބްދުލް ޢަޒީޒް ފާހަގަކުރެއްވިއެވެ. އަދި ލަފްޒު ދުރުކުރުމުގެ އިސްދާރެއްވެސް ނެރުއްވުމުގެ އިތުރަށް، ބައެއް އަދަބީ ފޮތްތައް ޝާޢިރުކުރުކޮށް ނެރުއްވުންވެސް، އެ ޖަލްސާގައި އޮންނާނެ ކަމަށް، ދިވެހިބަހުގެ އެކެޑަމީގެ ކޮންސަލްޓަންޓް ޢަބްސުލް ޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވިއެވެ.

"ސަރުކާރުގެ ލިޔެކިޔުންތައް ހުންނަންވާނެ، ގޮތުގެ އުޞޫލެއް ކަނޑައެޅުއްވުން (އެ ޖަލްސާގައި) އޮންނާނެ. ތާނަ އަށް ތިކި ޖަހާއިގެން ނުކުތާ ޖަހާއިގެން، ބޭނުންކުރައްވާ އަކުރުތައް، ބޭނުންކުރައްވާނެ ގޮތުގެ އުސޫލެއް ޢާންމު ކުރެއްވުން. މީގެ އިތުރަށް، ލަފްޒު ވަކިކުރުމުގެ އައު އިސްދާރެއް ނެރުން. ހަމައެހެންމެ، އަދަބީ ބައެއް ކަހަލަ ފޮތްތައް ނެރުންވެސް އޮންނާނެ." ޢަބްދުލް ޢަޒީޒް ވިދާޅުވިއެވެ.

މިއަހަރުގެ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން ކަނޑައަޅާފައިވަނީ "މުޖުތަމަޢުގެ މަސްލަޙަތު، ލިޔުންތެރިންގެ މަސްޢޫލިއްޔަތު" އެވެ. ހަމައެއާއިއެކު، ދިވެހި ލިޔުންތެރިންގެ ދުވަސް މިއަހަރު ޚާއްސަ ކުރައްވާފައިވަނީ ދިވެހިބަހުގެ އުޖާލާވި ރަންތަރި، އުސްތާޛުލް ޖީލް ފަޟީލަތުއްޝެއިޚް މުޙައްމަދު ޖަމީލް ދީދީއަށެވެ.
ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ