ކުޅިވަރު

ދެވަނަ މެޗު ޕޮއިންޓަކުން މާޒިޔާ ފުއްދާލަން ޖެހިއްޖެ


މެޗް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޔަންގޮންގ ޔުނައިޓެޑުން ޖެހި ގޯލާއިއެކު ރާއްޖޭގެ މާޒިޔާ މިއަދު ކުޅުނު މެޗް އެއްވަރުވެއްޖެއެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި މާޒިޔާ އަދި ޔަންގޮންގ ޔުނައިޓެޑް ކުޅުނު މެޗް އެއްވަރުވީ އެކެއް އެކެއްގެ ނަތީޖާއަކުންނެވެ. 

މެޗުގެ ފުރަތަމަ ހާފްގައި ނުރައްކާތެރި ހަމާލާތަކެއް އުފެއްދީ މާޒިޔާއިންނެވެ. މިގޮތުން ފޯވާޑް އަހުމަދު ރަޝީދު ފޮނުވާލި ބޯޅަ އަރި މަތީ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށްއައިރު، އަހުމަދު ނާޝިދު އަދި މޫސާ ޔާމީން ފޮނުވާލި ހަމަލާތައް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ. 

އަނިޔާގެ ސަބަބުން ކެޕްޓަން އަސަދުﷲ އަބްދުﷲ ނުލައި މިއަދު މެޗުގައި ކުޅުނު މާޒިޔާއިން މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ މެޗުގެ ފަސްދޮޅަސް ހަތަރުވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަހުމަދު ރަޝީދެވެ. މި ލަނޑަށް ފަހުވެސް މެޗުގެ ނަތީޖާ ބަދަލްކުރާނެ ގިނަ ފުރުސަތުތަކެއް މާޒިޔާއަށް ލިބުނެވެ. ޔަންގޮންގ ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ކޯ ކޯއެވެ. 

މެޗަށްފަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ކޯޗް އަލީ ސުޒެއިން ބުނީ މެޗުގައި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުކަމަށާއި، މިއީ ތިން ޕޮއިންޓް ލިބޭ ވަރުގެ މެޗެއްކަމަށެވެ. ގިނަ ފުރުސަތުތަކެއް މެޗުގައި ލިބުނުކަމަށާއި، މެޗުގައި ތަފާތަކަށްވީ ޔަންގްގޮންގ ޔުނައިޓެޑްގެ ދެ ތިން ކުޅުންތެރިއެއްކަމަށް އޭނާ ބުންޏެވެ. މިއަދުގެ ނަތީޖާއާއިއެކު މިހާރު ޓީމުގެ ފޯކަސް ހުރީ ސައުތް ޗައިނާ މެޗަށް ކަމަށާއި، ދެވަނަ ބުރުގެ ވާހަކަ ދައްކާނީ އެ މެޗަށްފަހު ކަމަށް ސުޒޭން ބުންޏެވެ.

"ހިތްހަމަޖެހޭ ޓީމުން ދެއްކި ކުޅުމަށް، ތިން ޕޮއިންޓް ހޯދޭވަރުގެ މެޗެއް މިއީ، މިހާރު ވިސްނުން ހުރީ ސައުތު ޗައިނާ މެޗަށް، އޭގެ ފަހުން ދެވަނަ ބުރުގެ ވާހަކަވެސް ދެއްކެން އޮތީ" ސުޒޭން ބުންޏެވެ.

މެޗަށްފަހު ޔަންގްގޮންގ ޔުނައިޓެޑްގެ ކޯޗް މަރްޚާން ސެކުލޯވްސްކީ ބުނީ ހޫނުގެ ސަބަބުން މެޗުގައި އޭނާގެ ޓީމުގެ ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ދައްކަން އުނދަގޫވިކަމަށާއި، އެކެއް ސުމަކުން މެޗުން ބަލިވާން ދަނިކޮށް ވަރުބަލިކަމާއިއެކު ކުޅެ މެޗުން ޕޮއިންޓެއް ހޯދުމުން އޭނާގެ އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ. އަދި ކުޅުންތެރިން މިއަދުގެ މެޗުގައި ދެއްކި ހިތްވަރަށް ތައުރީފް ހައްގުކަމަށާއި، މި މެޗާއިއެކު މި މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު ބޮޑުވެއްޖެކަމަށް އޭނާ ބުންޏެވެ.

"ވަރަށް ހޫނުގަދަ، ކުޅުންތެރިން ވަރަށް ހާލުން މެޗް ފުރިހަމަކުރީ، އެކަމަކުވެސް ފަހުވަގުތު ޕޮއިންޓެއް ޓީމުން ހޯދުމުން އެއްވެސް ޝަކުވާއެއްނެތް" ކޯޗް ބުންޏެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މާޒިޔާ ކުޅޭ ތިންވަނަ މެޗުގައި ނިކުންނާނީ ހޮންގކޮންގގެ ސައުތު ޗައިނާއަށް ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ސޯޅަވަނަ ދުވަހުގެ ހަވީރު ރަސްމީ ބޯޅަ ދަނޑުގައެވެ.