ޚަބަރު

ކޮމިޓީތައް އެކުލަވާލުމަށް ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ ހޯމަ ދުވަހު


  • ދައުރުން ބޭރުން ފުރަތަމަ ޖަލްސާ ބޭއްވީ މިދިޔަ ހޯމަ ދުވަހު

  • އެޖަލްސާގައި މަސައްކަތްތައް ކުރިއަށް ނުގެންދެވުނު

  • މަޖިލީހުގައި ކުރަން މުހިންމު މަސައްކަތްތަކެއް ހުރިކަން އެމްޑީޕީ ޕީޖީން ފާހަގަކުރޭ

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްކުރުމަށް، ދައުރުން ބޭރުން ބާއްވަވާ ދެވަނަ ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވެވުމަށް ނިންމަވައިފިއެވެ.

ކޮމިޓީތައް އެކުލަވާލުމަށްޓަކައި ދައުރުން ބޭރުން މިދިޔަ ހޯމަ ދުވަހުވެސް ޖަލްސާއެއް ބޭއްވިއެވެ. ނަމަވެސް އެ ޖަލްސާގައި މަސައްކަތް ކުރިއަށް ނުގެންދެވި ޖަލްސާ ފެށިތާ މާގިނައިރުތަކެއް ނުވެ ވަނީ ނިންމާލާފައެވެ. އެގޮތުން އެ ޖަލްސާ ނިންމާލެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ ބައެއް މެންބަރުން، އެމެންބަރުން ތަމްސީލު ކުރެއްވި ޕާޓީން ވަކިވެވަޑައިގެންފައިވާތީ ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލުގެ ރިޕޯޓް އަލުން އެކުލަވާލެއްވުމަށްކަމަށް، ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވެފައިވެއެވެ. އަދި އެއަށްފަހު އިތުރު ޖަލްސާއެއް ދައުރުން ބޭރުން ބާއްވާނެކަމަށް އަފީފް ވިދާޅުވެފައިވެއެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެވެ.

އަންނަ ހޯމަ ދުވަހުގެ ޖަލްސާއަށްވެސް އެޖެންޑާކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާ ނުލެވުމުގެ ސަބަބުން، މަޖިލީހަށް ހުށައަޅަފައިވާ މުހިންމު ބިލްތަކާއި އެހެން ބައެއް މުހިންމު މަސައްކަތްތައް ނުނިންމި ދިގުލައިގެންދާތީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިޔައީވެސް އެމްޑީޕީ ޕީޖީ ގްރޫޕުން އެ ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނިކޮށެވެ. މިއާއެކު އެމްޑީޕީ ޕީޖީ ގްރޫލުން ވަނީ ދައުރުން ބޭރުން ޖަލްސާތަކެއް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެން ސިޓީއެއް ފޮނުވާފައެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ނިންމެވީ، އެމްޑީޕީގެ ބައެއް މެންބަރުން އެޕާޓީން ވަކިވެވަޑައިގަތުމުން ކޮމިޓީތަކުގައި ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ބަދަލު އަންނާނެތީއެވެ.

މަޖިލީހުގައި މެންބަރުން މިހާރު ބެހިފައިވާ ގޮތް

1- އެމްޑީޕީ - 54 މެންބަރުން
2- އަމިއްލަ - 18 މެންބަރުން
3- ޕީޕީއެމް - 5 މެންބަރުން
4- ޕީއެންސީ - 3 މެންބަރުން
5- އެމްއެންޕީ - 3 މެންބަރުން
6- ޖުމްހޫރީ ޕާޓީ - 2 މެންބަރުން
7- އެމްޑީއޭ - 2 މެންބަރުން

އެމްޑީޕީގެ ބައެއް މެންބަރުން އެޕާޓީން ވަކިވެވަޑައިގެން، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. އަދި އެޕާޓީއަށް ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތު ލިބުމުން، މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމަށް އެ ހައިސިއްޔަތު
ގެއްލޭނެއެވެ.