ދުނިޔޭގެ ވިޔަފާރި

ލޯންޗުކުރިތާ 7 ގަޑިއިރުގެ ތެރޭގައި ތްރެޑްސްއަށް 10 މިލިއަން ސައިންއަޕް


ޓްވިޓަރއާ ވާދަކުރުމަށް ފޭސްބުކްގެ ބެލެނިވެރި ކުންފުނި، މެޓާއިން ތަރައްޤީކުރި "ތްރެޑްސް" އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ.

ޓްވިޓަރއާ އެއްގޮތް ސިފަތަކެއް ހުންނަ ތްރެޑްސް ލޯންޗުކުރިތާ 7 ގަޑިއިރުގެ ތެރޭގައި 10 މިލިއަން މީހުން މި އެޕްލިކޭޝަން ބޭނުންކުރަން ފަށާފައިވާކަމަށް މެޓާއިން ބުނެއެވެ.

ޓްވިޓަރއާ ވާދަކުރަން ތްރެޑްސްނަމުގައި އެޕްލިކޭޝަން ތަރައްޤީކުރި މެޓާއަކީ ފޭސްބުކްގެ އިތުރުން، އިންސްޓަގްރާމާއި، ވަޓްސްއެޕްގެވެސް ބެލެނިވެރި ކުންފުންޏެވެ.

އިންސްޓަގްރާމާއި ލިންކުކޮށްފައިވާ ތްރެޑްސް އެޕްލިކޭޝަން 100 ގައުމަކުން ޑައުންލޯޑްކުރެވޭނެކަމަށާއި، ނަމަވެސް ޤަވާއިދުތައް ހުންނަގޮތުގެ ސަބަބުން އީޔޫގެ ޤައުމުތަކަށް އެޕްލިކޭޝަން ޑައުންލޯޑް ނުކުރެވޭނެކަމަށެވެ.

ތްރެޑްސް ބޭނުންކުރާ ގޮތަށް ބަލާއިރު ޓްވިޓަރއެކޭ މާބޮޑު ތަފާތުތަކެއް ނުހުރެއެވެ. އަދި ލޭއައުޓް ޑިޒައިނުން ފެށިގެން ޕޯސްޓްތަކުގައި ގިނަ ވެގެން ބޭނުންކުރެވޭނެ ކެރެކްޓަރތަކުގެ އަދަދު ގާތްގަނޑަކަށް އެއްވަރުކަމަށް ހަބަރުތައް ބުނެއެވެ.

ޓްވިޓަރއާ ވާދަކުރަން ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާއިން ޑިވެލޮޕްކޮށްފައިވާ އެޕްލިކޭޝަންގެ ސަބަބުން ޓްވިޓަރއަށް ވަރަށް ބޮޑު ގެއްލުމެއް ލިިބޭނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިގޮތުން ޓްވިޓަރއިން އަގު ނަގައިގެން އެކައުންޓްތައް ވެރިފައި ކުރުމާއި، ޓްވީޓް ފެންނަ މިންވަރު މަދުކުރުން ފަދަ ކަންކަން ތައާރަފްކޮށްފައިވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އެ އެޕްލިކޭޝަނަށް އަމާޒުވެފައެވެ.

މުޅިން ހިލޭ ބޭނުންކުރެވެމުންދިޔަ ޓްވިޓަރއަށް އާމްދަނީ ހޯދުމަށް ނިންމައި، އެކި ކަންކަމަށް އަގު ނަގަން ފެށީ ޓްވިޓަރގެ މެޖޯރިޓީ ކޮންޓްރޯލް މަޝްހޫރު މަލްޓި ބިލިއަނަރު އިލޯން މަސްކަށް ލިބުނު ހިސާބުންނެވެ.

ޓްވިޓަރއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެ އެޕްލިކޭޝަން ބޭނުންކުރުން ހުއްޓާލަން ބޭނުންވާ މީހުން އިތުރުވާކަމަށް ހަބަރުތައް ބުނާއިރު، ހިލޭ ބޭނުންކުރެވޭ ގޮތަށް މެޓާއިން ނެރުނު އެޕްލިކޭޝަން ވެގެންދާނީ ޓްވިޓަރގެ ބަދަލުގައި ގިނަ ބަޔަކު ބޭނުންކުރާނެ އެޕްލިކޭޝަނެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.