ޚަބަރު

އަމީނީ މަގުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯވކުރަނީ


  • އަމީނީ މަގުގައި ގަވާއިދާ ޚިލާފަށް ހުރި ވެހިކަލްތައް ނަގަން ވަނީ އަންގާފައި

  • އުޅަނދުތައް ނެގުމަށް ވަނީ 3 ދުވަސް ދެއްވާފައި

  • އާދީއްތަ ދުވަހުން ފެށިގެން ޓޯވކުރަން ފަށާނެ

އަމީނީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އެއްގަމު އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފަށްޓަވާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އަމީނީ މަގުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދުތަކުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ހިނގާބިނގާވާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށްވެސް ދަތިވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. ފުލުހުންވަނީ ޢާއްމުންނަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފަހު ހުރި ވެހިކަލްތައް ބުރާސްފަތި ދުވަހުން ފެށިގެން ނެގުމަށް އަންގާފައެވެ. އަދި 3 ދުވަހަށް ބެލުމަށްފަހު އާދިއްތަ ދުވަހުން ފެށިގެން ގަވާއިދާ ޚިލާފަށް އެމަގުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

އަމީނީ މަގުގައި ތާރު އަޅާ ޢާއްމުނަށް ހުޅުވާލިފަހު އެމަގުގެ ދެފަރާތުގައި 4 ފުރޮޅުލީ ވެހިކަލްތައް ގިނަ ޢަދަދަކަށް ޕާކުކޮށްފައި ހުންނަކަން ފާހަގަކުރެވެއެވެ. އަދި އޭގެ ސަބަބުން އެމަގުގައި ދުއްވާ އުޅަނދުތަކަށް ދަތިވެ އަމީނީ މަގު ތޮއްޖެހޭކަމުގެ ޝަކުވާވަނީ ބޮޑުވެފައެވެ.


އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިގޮތުން 7 ވަނަ ސެގްމަންޓާއި ހަމައަށް ހުރިހާ މަސައްކަތެއް ނިންމާ، ޢާއްމުންނަށް ވަނީ ހުޅުވާލާފައެވެ.