ޚަބަރު

ވީލް ޗެއަރގައި ވޯޓްލާންދާ މީހުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާނެ


  • - ވީލް ޗެއަރގައި ވޯޓްލާ މީހުން ދަތިތަކެއް ފާހަގަކުރޭ

  • - އެޗްއާރުސީއެމްއިން ވަނީ އެކަން ހައްލުކޮށްދޭން އެދިފައި

  • - އިލެކްޝަނުން ވިދާޅުވީ އެކަން ހައްލުކޮށްދެއްވާނެކަމަށް

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، ނުކުޅެދުންތެރިކަން ހުންނަ މީޙުންގެ ތެރެއިން ވީލް ޗެއަރގައި ނުވަތަ ފުރޮޅުލީ ގޮނޑިގައި ވޯޓްލާން ދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކުރެއްވީ މިއަދު ދަރުބާރުގޭގައި ބޭއްވި، ރިޔާސީ އިންތިހާބަށް ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކުރެއްވި ކަންބޮޑުވުމާއި ގުޅިގެނެވެ.

ރިޔާސީ އިންތިހާބާބެހޭ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް މަރިޔަމް މުނާ ވިދާޅުވީ ވޯޓްލާ މަރުކަޒުތަކުގައި ހުންނަ ވޯޓިންގ ބޫތުތައް ހުންނަގޮތުން ވީލް ޗެއަރގައި އެތަނަށްދާ މީހުންނަށް ވޯޓްލުމަށް ދަތިތައް ކުރިމަތިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން އެހެން މީހުންގެ އެހީތެރިކަން ހޯދަންޖެހި، ވޯޓްގެ މިނިވަންކަން ގެއްލޭ ހިސާބަށްދާކަމަށެވެ. އަދި ވޯޓް ކަރުދާސްކޮޅު ފޮއްޓަށް ވައްޓާލުމުގައިވެސް ދަތިތައް ކުރިމަތިވާކަންވެސް އެޗްއާރުސީއެމްއިން ފާހަގަކުރިއެވެ.

"ވީލް ޗެއަރގައި ވޯޓުލުމަށް ވަޑައިންނަވާ ބޭފުޅުން ރެއިޒް ކުރައްވާފައިވާ ކޮންސާނަކީ، ވޯޓު ލާ ބޫތުގައި އިންނަ ބައި އިންނަނީ ވަރަށް އުސްކޮށްނޭ. އެހެންވީމަ އެ ބޭފުޅުން ވޯޓުލާ ބައި ގޮޑި މައްޗަށް ތިރިކުރުމަށް އުޅުމުގެ ތެރޭގައި، ބައެއް ފަހަރު އެއް އަތުން ހިފަހައްޓާފައި އަނެއް އަތުން ވޯޓުލާން މި ޖެހެނީ" މުނާ ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކުރި ކަންބޮޑުވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީޙުންގެ ތެރެއިން ވީލް ޗެއަރގައި ވޯޓްލާން ދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަޝްވަރާކުުރެވުނުކަމަށެވެ. އަދި އެ ބޭފުޅުންނަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެގޮތަށް ކަންކަން އިންތިޒާމްކުރައްވާނެކަމަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.

"ތިބޭފުޅުން (އެޗްއާރުސީއެމް) ތި ވިދާޅުވި ކަންތައްތައް ހަމަޖައްސައިދެން ވޯޓްލާ މަރުކަޒުތަކަށް މިހާރު ވާނީ އަންގަވާފައި" ހަބީބް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވީލް ޗެއަރގައި ވޯޓްލާން ދާ މީހުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ނިންމުމުގެ އިތުރުން، މިފަހަރުގެ ރިޔާސީ އިންތިހާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓްލެވޭނެ އިންތިޒާމްވެސް ހަމަޖައްސަވާނެއެވެ. އެގޮތުން ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ، އެކަން ކުރާނެ ގޮތް ބަޔާންކުރުމަށް ޤާނޫނަށް ވަނީ އިސްލާހުވެސް ގެންނަވާއެވެ.

އިލެކްޝަނުން ވިދާޅުވީ އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން ލޯފަން ވޯޓްލާން ބޭނުންކުރާނީ ބްރެއިލް އަކުރުތޯ ނުވަތަ ވިޔަ އަކުރުތޯއާ މެދު ކޮމިޝަނުގައި މަޝްވަރާކުރަމުންދާކަމަށެވެ. އަދި އެކަމުގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށްވެސް ކޮމިޝަނުން ވިދާޅުވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން ވޯޓާސް ލިސްޓް ގެޒެޓްކޮށް ޝަކުވާއަށް ވަނީ ދެ ވަނަ ފަަހަރަށް ހުޅުވާލާފައެވެ. އަދި މިމަހުގެ 16 ވަނަ ދުވަހު ރީރަޖިސްޓްރޭޝަނަށް ހުޅުވާލާނެކަމަށްވެސް ކޮމިޝަނުން ވިދާޅުވެއެވެ.

މިފަހަރުގެ އިންތިހާބުގައި ރާއްޖޭގެ އިތުރުން، 8 ޤައުމެއްގެ 9 ސިޓީއެއްގައި ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.