ޚަބަރު

މަޖީދީމަގުގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް


  • އެކްސިޑެންޓް ހިނގީ މިދިޔަ މަހު 28ވަނަ ދުވަހު ފަތިހު

  • އަނިޔާވީ އުމުރުން 50އަހަރު ދިވެހި ފިރިހެނަކަށް

  • އޭނާގެ ހާލު ސީރިއަސް

މިދިޔަ މަހުގެ 28ވަނަ ދުވަހު މަޖީދީމަގުގައި މީހެއްގެ ގައިގައި ސައިކަލުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަން 15 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.

މި އެކްސިޑެންޓްގައި އަނިޔާވެ ހާލު ސީރިއަސްވެފައިވަނީ އުމުރުން 50އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އަދި އޭނާގެ ހާލު ސީރިއަސްކަމުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކްސިޑެންޓް ހިންގާފައިވަނީ އެމީހާ މާލޭގެ މާޖީދީމަގު ރެޑްވޭވްއާއި ހިސާބުން ހިނގާފައި ދަނިކޮށް، ދުއްވާފައައި ސައިކަލަކުން ޖެހިގެންނެވެ. އެކްސިޑެންޓް ހިނގީ އެރޭގެ ފަތިހު 05:00 ހާއިރުއެވެ.


މި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްކަމަށެވެ. އޭނާ ހައްޔަރުކުރީ އިއްޔެއެވެ. އަދި އޭނާގެ ބަންދަށް މިއަދު 15 ދުވަސް ކޯޓުން ޖަހާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަޙުޤީޤުކުރައްވަމުންނެވެ.