ޚަބަރު

މަކަރާ ޙީލާތްހެދިކަމުގެ ތުހުމަތުކުރެވޭ މަމްދޫހުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ އިސްތިއުނާފްކުރަނީ


  • އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދިކަމުގެ ތުހުމަތު މަމްދޫހަށް ކުރޭ

  • އޭނާގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފްކުރަނީ

  • ފުލުހުން ވަނީ ކޭ-ޕާކް ފްލެޓާ ގުޅޭ ޝަކުވާއެއް އޮތްނަމަ ހުށައަޅަން އެދިފައި

ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ކޭ-ޕާރކް ރެސިޑެންސްއިން ނުއަގުގައި އެޕާޓްމަންޓް ވިއްކުމުގެނަމުގައި، އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ޙަސަން މަމްދޫޙް ފުރުން މަނާކުރުމަށް ނެރެފައިވާ ޢަމުރު ކޯޓުން ބާޠިލްކުރިކުރުން އިސްތިއުނާފްކޮށްދިނުމަށް އެދޭނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ކޭ-ޕާކް މައްސަލާގައި ތުހުމަތުކުރެވޭ މަމްދޫހުގެ ފުރުން މަނާކުރުމަށް ނެރެފައިވާ ޢަމުރު ކޯޓުން ބާޠިލްކުރީ މިއަދުކަމަށެވެ. މި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި އެދޭނެކަމަށް ފުލުހުން ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މަމްދޫހުގެ އިތުރުން އިތުރު ބައެއްގެ ޕާސްޕޯޓްވެސް މިމައްސަލާގައި ވަނީ ހިފަހައްޓާފައެވެ. މަމްދޫހުގެ ޕާސްޕޯޓް ދޫކޮށްލަން ޢަމުރުކުރި ސަބަބު ސާފެއް ނުވެއެވެ.

ހުޅުމާލޭގައި ކޭ-ޕާކް ފްލެޓް އެޅުމުގެ މަޝްރޫޢުގައި ރާއްޖޭގެ އެޖެންޓްގެ ގޮތުގައި މަސައްކަތް ކުރި ހަންބޯ ކުންފުންޏާއި، އެޗްޑީސީއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކޮށްކުރަމުންދާ ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތައް ބޭނުންކޮށްގެން އެޕާޓްމަންޓްތައް އާންމުނަށް ވިއްކަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން އަންނަނީ ތަޙްޤީޤްކުރަމުންނެވެ.

ފުލުހުން ވަނީ މި މައްސަލައާއި ގުޅިގެން ކޭ-ޕާރކް ރެސިޑެންސްއިން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން ވީ އެންމެ އަވަހަކަށް ފުލުހުންނާ ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.

ކޭ-ޕާރކް ޕާޓްމެންޓްތަކެއް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތްހަދައި، ބޮޑެތި ޢަދަދުތަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގާ މައްސަލަ ފުލުހަށް ހުށައެޅީ އެޗްޑީސީންނެވެ.

މި މައްސަލައާއި ގުޅޭގޮތުން އެ ފްލެޓްތައް ޢިމާރާތްކުރާ ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނީ "ކޭ-ޕާކް" ރެސިޑެންސްގެ އެޕާޓްމަންޓްތައް ކުންފުންޏަށް އެނގުމެއް ނެތި ވިއްކާފައިވާތީ އާއި ވިއްކުމުގެ މުޢާމަލާތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ސޮއި ފޯޖުކޮށްގެން ހިންގާފައިވާ މުޢާމަލާތްތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެ ކުންފުނިން ބުނީ ކޭޕާކް ޕްރޮޖެކްޓާއި ގުޅިގެން މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނީގެ ބޯޑު ބައްދަލުވުން ބޭއްވުމަށް ޙަސަން މަމްދޫޙުގެ ފަރާތުން ކުރިމަތިކުރުވި ގޮންޖެހުންތައް ކަމަށެވެ. އެހެންނަމަވެސް، އޭނާގެ ފަރާތުން ކުރިމަތިކުރުވި ހުރަސްތައް މިހާރު ނައްތާލެވިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. އެ ހުރަސްތައް ނައްތާލުމަށް ގެނައި ބަދަލުތަކަކީ ކުންފުނީގެ ޙިއްޞާއަށް ބަދަލުތަކެއް ގެނައުމާއި، އާ ޙިއްޞާދާރެއް އިތުރުކުރުމާއި ކުންފުނީގެ ބޯޑަށް ޑިރެކްޓަރަކު އިތުރުކުރުމެވެ.

ކޭ ޕާކް ރެސިޑެންސް ރަސްމީކޮށް ލޯންޗްކޮށްފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. ކޭ-ޕާކް ރެސިޑެންސަކީ ކޮރެއާގެ ހަންބޯ ކުންފުނިން ކުރިއަށްގެންދާ 14 ބުރީގެ 110 އެޕާޓްމަންޓް ތަރައްޤީކުރުމުގެ މަޝްރޫޢުއެކެވެ.