ޚަބަރު

ރާއްޖޭގެ ބޮޑުބަޔަކަށް މިރޭ ގުގުރުމާއެކު ވިއްސާރަކުރާނެ


  • އުތުރާ މެދުތެރޭގެ އަތޮޅުތަކަށް މިރޭ މޫސުން ގޯސް

  • 23:45އާއި ހަމައަށް ވައިޓް އެލަރޓް ވަނީ ނެރެފައި

  • ވިލާގަނޑުގައި ވަރަށް ބޮޑަށް ވައި ގަދަވާނެ

މިރޭވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށްލަފާކޮށް، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ. މޫސުން ގޯސްވާނެތީ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ.

އެގޮތުން މިރޭގެ 23:45އާއި ހަމައަށް އެލަރޓް ނެރެފައިވަނީ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ލ.އަތޮޅާ ދެމެދުގެ ރަށްތަކެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އެވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރާކަމަށެވެ. އަދި ވިލާގަނޑުގައި ވައިގަދަވާނެތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ޢާންމުގޮތެއްގައި ވައިގެ ބާރުމުން އުޅޭނީ 10މޭލާ 23މޭލާ ދެމެދުގައި ނަމަވެސް، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. މިގަޑިތަކުގައި ކަނޑު ގަދަވާނެކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާ 7 ފޫޓާ ދެމެދުގައިކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މި ގަޑިތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލްކަމެއް ދިނުމަށް ސަލާމަތީ ޚިދުމަތްތަކުން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ. މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަކަށް ވުމާއެކު، އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ނަމަވެސް މޫސުން ގޯސް ވަގުތުތަކަށް ސަމާލުކަންދީ، ރައްކާތެރިކަމަށް ބަލައިގެން ނޫނީ ދަތުރަށް ނުނިކުތުމަށް ކަމާގުޅޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރައްވަމުންނެވެ.