އދ.މާމިގިލީ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް ހެދުމުގެ ޢަމަލީ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ ބައެއް މަސައްކަތްތަކެވެ. އެގޮތުން މަގުގެ އަޑީގައި ކުރަންޖެހޭ މަސައްކަތްތަކުގެ %80 ނިމިފައިވާކަމަށް މައުލޫމާތު ލިބެއެވެ. މާމިގިލީ ކައުންސިލްގެ ރައީސް އިމާދު ފާރޫޤުވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެކިއެކި ސަބަބުތަކާހެދި މަގުތަކުގެ މަސައްކަތް ލަސްވުމަކީ އޭނާގެ ކަންބޮޑުވުމެކެވެ.
މާމިގިލީ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެވެ. އެކުންފުނިން މިމަސައްކަތް ފެށީ 2021ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. މިމަސައްކަތް ފެށީ މިހާތަނަށް މިރަށުގެ މަގުތަކަށް ދިމާވެފައި އޮތް މައްސަލަތައް ހައްލުވާނެގޮތަށް ބަލައިގެންނެވެ. އެގޮތުން މިމަގުތައް ހަދަނީ ބޭނުންކުރަން ފަސޭހަ އަދި ވިއްސާރަ މޫސުމުގައި މަގުގައި ފެންބޮޑުވުން ކުޑަވާނެގޮތަކަށް ފަރުމާކޮށްގެންނެވެ. އެގޮތުން ފެން ހިންދުމަށް ސްޓޯމް ވޯޓަރ ސިސްޓަމާއި، ޕަމްޕް ސްޓޭޝަން އެރަށުގައި ބަހައްޓާނެއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގް އެންޑް އިންފްރަސްޓްރަކްޗާއިން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 4.89 ކިލޯ މީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 95 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. ޒަމާނީ ފެންވަރަށް ތާރުއަޅައިގެން މާމިގިލީ 6 މަގެއް ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ އިތުރުން މާމިގިލި ވަށަމަގު ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ބަޖެޓުކޮށްފައިވެއެވެ. އެހެންނަމަވެސް އެމަސައްކަތް އަދި ނުފަށައެވެ.
މާމިގިލީ 6 މަގެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތަކަށް މިވަގުތުވަނީ ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައެވެ. އެއީ މަގުތައް ތަރައްޤީކުރަން ފެށިފަހުން މަގުގެ ޑިޒައިނަށް ބައެއް ބަދަލު ގެންނަން ރައްޔިތުންނާއި ކައުންސިލުން ބޭނުންވުމުންނެވެ. ބައެއް މަގުތަކަށް އެބަދަލު ގެނައުމަށް މިހާރުވަނީ ނިންމާފައެވެ. މިކަމަށްޓަކައި ކުރެވުނު މަސައްކަތާއެކު މަގުތައް ހެދުމުގެ މަސައްކަތަށް މަޑުޖެހުން އައުމުން ޢާންމު ރައްޔިތުންގެ ކަންބޮޑުވުން އެބައޮތެވެ. ސަބަބަކީ މަގުތައް ހަދަންފަށާފައި ނުނިމި ގިނަދުވަސްވުމުން މަގުތަކުގައި ވަޅުގަނޑުތައް ހެދުމާއި ފެންބޮޑުވުންފަދަ ކަންކަން ވާތީ ކުރިމަތިވާ ދަތިތަކެވެ.
މިހާރު ހުރި ބައެއް ދަތިތައް ޙައްލުވެ ވީހާވެސް އަވަހަކަށް މަގުތަކުގެ މަސައްކަތް މުޅިން ނިމުމަކީ މާމިގިލީ ރައްޔިތުން ވަރަށްބޮޑަށް ބޭނުންވާކަމެކެވެ. ޒަމާނީ ފެންވަރަށް ތާރުއަޅައިގެން މަގުތައް ތަރައްޤީކުރުމަކީ ލިބޭނެ ވަރަށްބޮޑު ލުއިފަސޭހައަކާއި ކުރިއެރުމެއްކަމަށް ރައްޔިތުން ބުނެއެވެ.