ޚަބަރު

ރެފިއުޖީކޭމްޕްތަކުގައި ގައިންގަޔަށްއަރާ ބަލި ފެތުރުމުގެ ބިރު!


ގްރީސްގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ޤާއިމްކޮށްފައިވާ ރެފިއުޖީ ކޭމްޕްތަކުގައި މީހުން ގިނަވުމުގެ ސަބަބުން ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތައް ފެތުރިދާނެ ކަމުގެ އިންޒާރު އެހީދޭ ޖަމާޢަތްތަކުން ދީފިއެވެ.

ބޯލްކަން ސަރަޙައްދުގެ ޤައުމުތަކަށް އެތެރެވާ ރެފިއުޖީންގެ ޢަދަދު ވަކި މިނެއްގައި ހިފެހެއްޓުމަށް ނިންމުމާއި ގުޅިގެން، ގްރީސްގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ޤާއިމްކޮށްފައިވާ ކޭމްޕުގައި ތިބި ރެފިއުޖީންގެ ޢަދަދު ވަނީ އެތަށް ގުނައެއް އިތުރުވެފައެވެ. އެއް ހާސް ފައްސަތޭކަ މީހުންގެ ޖާގައިގެ މިކޭމްޕްގައި މިހާރު 14 ހާސް މީހުން ދިރިއުޅެމުންދާ ކަމަށް އެހީދޭ ޖަމާޢަތްތަކުން ބުނެއެވެ. އަދި، މިފަދަ ޙާލަތެއްގައި މީސްލްސް، ކޮލެރާ، ޕޯލިއޯ ފަދަ ބަލިތައް ފެތުރުން އެކަށީގެންވާ ކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

މެދުއިރުމައްޗާއި އެފްރިކާ ބައްރުން ވިލާތުގެ ޤައުމުތަކަށް އެތެރެވާ ރެފިއުޖީންގެ މައްސަލަ ޙައްލުކުރުމަށް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް މި މައްސަލައަށް ފުރިހަމަ ޙައްލެއް ހޯދިފައެއްނުވެއެވެ.