ޔަހޫދީ އިސްރާޢީލުން ހުޅަނގު އައްސޭރީގެ ޖިނީން ރެފިއުޖީ ކޭމްޕުގައި ފަށާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްޠީނުގެ ނުވަ މީހުން ޝަހީދުކޮށްލައިފިއެވެ. ޔަހޫދީ ޓެރެރިސްޓު އަސްކަރިއްޔާގެ އުދުވާންތައް ފަށާފައި ވަނީ ނުރައްތެރި ޑްރޯން ހަމަލަތަކާ އެކުގައެވެ. މި ހަމަލަތަކުގައި ފަލަސްޠީނުގެ އަށް މީހުން ޝަހީދުކޮށްލާފައިވާ ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
މިއީ، ފާއިތުވި 20 ވަރަކަށް އަހަރުގެ ތެރޭގައި ޔަހޫދީ ޖައްބާރު އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގައި ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ވަރުގަދަ ޑްރޯން ހަމަލަތަކެއްދީ ފަލަސްޠީނުގެ އަށް މީހުން ޝަހީދުކޮށްލުމަށް ފަހު، ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން ވަނީ އަސްކަރީ އުޅަނދުފަހަރުގައި ޖިނީނަށް ވަދެގަނެފައެވެ. ރާމަاللهގައި ޔަހޫދީ ސިފައިން ހިންގި އުދުވާންތަކެއްގައި ވެސް ފަލަސްޠީނުގެ މުޖާހިދުންގެ ތެރެއިން އެކަކުގެ ބޮލަށް ބަޑިޖަހައި އޭނާ ޝަހީދުކޮށްލިއެވެ.
އުދުވާންތަކުގައި ފަލަސްޠީނުގެ 50 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލާފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. ޔަހޫދީ އިސްރާޢީލުގެ އުދުވާންތައް ހުއްޓުވަން ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ޖަމާޢަތްތަކުގެ މައްޗަށް އެކުލެވިގެންވާ ޖިނީން ބްރިގޭޑް ނުވަތަ ޖިނީންގެ ލަޝްކަރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ލަޝްކަރު އެކުލެވިފައި ވަނީ ފަތަޙަ އަދި ހަމާސް ޖަމާޢަތުގެ އިތުރުން އިސްލާމިކް ޖިހާދުގެ މުޖާހިދުންގެ މައްޗަށެވެ.
މި އުދުވާންތަކާ ގުޅިގެން ޔަހޫދީ އިސްރާޢީލާ އެކު މަޝްވަރާ ކުރުން ހުއްޓައިލަން ނިންމަވާފައިވާ ކަމުގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވިއެވެ. އަދި، ފަލަސްޠީނުގެ ކުށެއް ނެތް ނިކަމެތި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އޭނާ ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ.
އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވީ، ޔަހޫދީ އިސްރާޢީލުގެ ލާއިންސާނީ ޖަރީމާތަކާ މެދު ބަހެއް ނުބުނެ ބައިނަލްއަޤުވާމީ މުޖުތަމަޢުން ހަނުހުރުމަކީ ލަދުވެތި އަމަލެއް ކަމުގައެވެ. "ޖިނީން އަދި ޖިނީންގެ ރެފިއުޖީ ކޭމްޕުގައި ފަލަސްޠީނުގެ ނިކަމެތި ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ އިސްތިޢުމާރީ ސިފައިން ހިންގަމުން އެ ދަނީ ހަނގުރާމައިގެ ކުށްތަކެއް. މި ލާއިންސާނީ ޖަރީމާތަކަށް ފަލަސްޠީނުން އަމާނެއް ނުދޭނެ. ފަލަސްޠީނުގެ މިނިވަންކަން ކަށަވަރު ކުރެވެންދެން ޔަހޫދީންގެ އުދުވާންތަކާ ސާބިތުކަމާ އެކު ކުރިމަތިލާނަން،" ރުދައިނާ ވިދާޅުވިއެވެ.
ޖިނީން ރެފިއުޖީ ކޭމްޕަކީ 14,000 އަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅޭ ކޭމްޕެކެއެވެ. އެ ތަނަށް ހަމަލަދޭން ޔަހޫދީ އިސްރާޢީލުން ހަ ޑްރޯނެއް ބޭނުން ކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. 2006 ވަނަ އަހަރަށް ފަހު ޔަހޫދީ އިސްރާޢީލުން އަނެއްކާ ވެސް މި ވަނީ ފަލަސްޠީނުގެ މުސްލިމުން ޝަހީދުކުރަން އަސްކަރީ ޑްރޯންތައް ބޭނުންކުރަން ފަށާފައެވެ.
"އިސްރާޢީލުގެ ޑްރޯންތަކުން ޖިނީނަށް ދޭ ކޮންމެ ހަމަލައެއްގައި ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ޝަހީދުވަމުން. ޒަޚަމުވަމުން. ޖިނީނަށް ވަންނަ ކޮންމެ ފަހަރަކު ނިކުމެގެން އަންނަން ޖެހެނީ އެމްބިޔުލާންސް ފުރައި ޒަޚަމުވެފައިވާ މީހުން އަރުވައިގެން،" ފަލަސްޠީނުގެ އެމްބިޔުލާންސް ޑްރައިވަރެއް ބުންޏެވެ.
ޔަހޫދީ އިސްރާޢީލުން ޖިނީންގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ މެދު ޢަރަބި ދުނިޔޭގެ އިތުރުން އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ޖިނީންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ. އަދި، ޢާންމުންގެ އިތުރު މީހުންގެ ފުރާނަ ގެއްލުނަ ނުދިނުމުގެ ގޮތުން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުމަށް ގޮވައިލާފައެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ޓެރެރިސްޓު އަސްކަރިއްޔާއިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖިނީނަށް ހަމަލަދީފައިވާ ކަން ފާހަގަކުރެވެއެވެ.
އިސްރާޢީލުގެ އަސްކަރިއްޔާއިން ވަނީ ޖިނީނަށް ބުލްޑޯޒަރުތައް ވެސް ވައްދާފައެވެ. އަދި، ގޮވާތަކެތި ހޯދުމުގެ ނަމުގައި މަގުތައް ހަލާކުކޮށް، ޖިނީނުން ކަރަންޓާއި ފެނުގެ ޚިދުމަތް ވެސް ވަނީ ކަނޑައިލާފައެވެ. އަދި، އެއްވެސް އިންޒާރެއް ނެތި ފަލަސްޠީނުގެ މުސްލިމުންގެ ގެދޮރުގެ ދޮރުތައް ވައްޓައިލާ، އެ ތަންތަނަށް ވަދެ، ރޭޑު ޖަހަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ޖިނީންގައި ހިންގަމުންދާ އުދުވާންތައް ހުއްޓައިލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމުގައި ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ބުނެއެވެ. އަދި، ޑްރޯން މެދުވެރިކޮށް ވައިގެ ހަމަލަތައް އަމާޒު ކުރަމުން ދަނީ ޖިނީން ބްރިގޭޑްގެ އަސްކަރީ މަރުކަޒުތަކަށް ކަމުގައި ވެސް ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ. މި އުދުވާންތަކުގައި ޔަހޫދީ އިސްރާޢީލުގެ 1,000އާއި 2,000އާ ދެމެދުގެ ޢަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.