ދުނިޔޭގެ ވިޔަފާރި

ތަރުކާރީއާއި މޭވާ ބަންދުކޮށްފައި ހުންނަ ތުނި ކޮތަޅުވެސް ނިއުޒިލެންޑުގައި މަނާކޮށްފި


  • 2019 ވަނަ އަހަރު ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ކަސްޓަމަރުންނަށް ދިނުން ވަނީ މަނާކޮށްފައި

  • އަލަށް ގެންނަ ބަދަލާއެކު 150 މިލިއަނެއްހާ ކޮތަޅު މަދުކުރެވޭނެކަމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން ލަފާކުރޭ

  • ނިއުޒިލެންޑުގައި ވަނީ ޖައްވަށް ދޫކުރާ ވިހަ ގޭހުން ޓެކްސް ނަގަންވެސް ނިންމާފައި

ތަރުކާރީއާއި މޭވާ ބަންދުކޮށްފައި ހުންނަ ތުނި ޕްލާސްޓިކް ކޮތަޅު ނިއުޒިލެންޑުގެ ފިހާރަތަކާއި ސުޕަރމާކެޓްތަކުގައި ބޭނުންކުރުން މަނާކޮށްފިއެވެ.

މިއީ އާއްމުކޮށް ހުންނަ ޕްލާސްޓިކް ކޮތަޅަށްވުރެ ތުނި ކޮތަޅު ބޭނުންކުރުން ނިއުޒިލެންޑުން މަނާކުރުމުން އެ ޤައުމުވެފައި ވަނީ މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ޤައުމަށެވެ.

އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކް މަދުކުރުމަށް ނިއުޒިލެންޑުން މަސައްކަތްކުރަމުންދާއިރު 2019 ވަނަ އަހަރު އެ ޤައުމުގައި ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ކަސްޓަމަރުންނަށް ދިނުން މަނާކޮށްފައެވެ. އެއާއެކު ވިޔަފާރިކުރަންދާ މީހުން އަމިއްލަ ކޮތަޅު ގެންދިއުން އެ ޤައުމުގައި ވަނީ އާދައަކަށްވެފައިކަމަށް ހަބަރުތައް ބުނެއެވެ.

ފިހާރަތަކުގައި ތަރުކާރީ އާއި މޭވާ އަދި އެނޫންވެސް ބައެއް އެހެނިހެން ކާބޯތަކެތި ބަންދުކުރަން ބޭނުންކުރާ ތުނި ކޮތަޅު ނިއުޒިލެންޑުން މަނާކުރުމުން، އަހަރެއްގެ މައްޗަށް 150 މިލިއަނެއްހާ ކޮތަޅު މަދުކުރެވޭނެކަމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން ލަފާކުރައްވައެވެ.

ނިއުޒިލެންޑުގެ އިތުރުން، ގިނަ ޤައުމުތަކަކުން ދަނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ޤައުމުތަކުން އެކި ފިޔަވަޅުތައް ނިއުޒިލެންޑުން އަޅަމުންދާއިރު ދަނޑުވެރިކަމުގެ މަސައްކަތުގެ ތެރެއިން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ނިސްބަތަށް ބަލައިގެން އެ ޤައުމުގައި ވަނީ ޓެކްސްއެއްވެސް ތައާރަފްކޮށްފައެވެ.

ނިއުޒިލެންޑުން ކުރާ މަސައްކަތްތަކުގެ ތެރެއިން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކުގެ ދެބައި ކުޅަ އެއް ބަޔަކީ ދަނޑުވެރިކަމުގެ މަސައްކަތްތަކުން ބޭރުވާ ގޭހަށްވާއިރު، އައު ޓެކްސްގެ ސަބަބުން އެކަމަށްވެސް ހައްލެއް އަންނާނެކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.