ޚަބަރު

މުޞްޙަފުގެ ހުރުމަތް ކެނޑުން ސްވިޑެން ސަރުކާރުން ވެސް އެންމެ ފަހުން ކުށްވެރިކޮށްފި


މުސްލިމް އުންމަތުގެ ރުޅިވެރިކަމާއި ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ސްވިޑެންގައި ކީރިތި ޤުރުއާނުގެ މުޞްޙަފެއްގެ ހުރުމަތްކެނޑި މައްސަލަ އެ ޤައުމުގެ ސަރުކާރުން އެންމެ ފަހުން ކުށްވެރިކޮށްފިއެވެ. މުޞްޙަފުގައި ހުޅުޖެހުމުގެ ދަށު ދަރަޖައިގެ އަމަލު ހިންގާފައި ވަނީ އެ ޤައުމަށް ހިޖުރަކޮށްފައިވާ އިރާޤުގެ ރައްޔިތެއް ކަމުގައިވާ ސުލްވާން މުމީކެވެ.

ސްޓޮކްހޯމްގެ މައި މިސްކިތުގެ ކުރިމަތީގައި މުޞްޙަފެއްގައި ރޯކޮށްލާފައި ވަނީ ބަރަކާތްތެރި އަޟުޙާ ޢީދު ދުވަހުއެވެ. ހައްދުފަހަނަ އަޅާފައިވާ ޖައްބާރު މީހެއް ކަމުގައިވާ މުމީކު އެ އަމަލު ހިންގާފައި ވަނީ ސްވިޑެންގެ ފުލުހުން ދީފައިވާ ހުއްދައެއްގެ ދަށުން ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. މުޒާހަރާ ކުރުމަށް މުމީކަށް ހުއްދަ ދީފައި ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ދަށުން ކަމުގައި ފުލުހުން ބުނެއެވެ.

އިޙުތިރާމު ކުޑަ، ދަށުދަރަޖައިގެ ހަޑިމުޑުދާރު އެ އަމަލާ ގުޅޭ ގޮތުން ސްވިޑެންގެ ޚާރިޖީ ވުޒާރާއިން ވަނީ އެއީ އިސްލާމްދީނާ މެދު ނަފްރަތު ފަތުރަން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި، އެއީ ސްވިޑެންގެ ސަރުކާރުގެ ސިޔާސަތުތަކާ ބައްދަލު އަމަލެއް ނޫން ކަމުގައި ބުނެ، އެ އަމަލު ކުށްވެރިކުރާ ކަމުގައި އެ ވުޒާރާއިން ބުންޏެވެ.

"އެއީ މުސްލިމުންނާ މެދު ނަފްރަތު އުފައްދަން ހިންގާފައިވާ 'އިސްލާމޮފޯބިކް' އަމަލެއްގެ ގޮތުގައި ދެކެން. އަދި، ކީރިތި ޤުރުއާނުގެ މުޞްޙަފެއްގައި ހުޅުޖަހައި އެއަށް ގެއްލުންދިނުމަކީ މުސްލިމުންގެ ދީނީ ޝިޢާރުތަކާ ދެކޮޅު، އަދި މުސްލިމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭނެ އަމަލެއް ކަމުގައި ގަބޫލުކުރަން. އެއީ، މި ސަރުކާރުގެ ސިޔާސަތުތަކާ ބައްދަލު އަމަލެއް ނޫން. އަދި، ސަރުކާރުން ދެކޭ ގޮތެއް ވެސް ނޫން. އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ސްވިޑެންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ކީރިތި ޤުރުއާނުގެ ހުރުމަތް ކެނޑުމުގެ އަމަލު ސްވިޑެންގެ ސަރުކާރުން ކުށްވެރިކޮށްފައި މި ވަނީ މުޅި އިސްލާމީ އުންމަތުގެ ރުޅިވެރިކަމާއި ފާޑުކިޔުންތައް އެ ޤައުމަށް އަމާޒުވާން ފެށުމުން ކަން ފާހަގަކޮށްލަން ޖެހެއެވެ. އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯ.އައި.ސީ)ން ވެސް ވަނީ މި ކަމާ ގުޅިގެން ކުއްލި ބައްދަލުވުމެއް ބާއްވައި، އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، އެއީ ދީނީ ނަފުރަތު އިތުރުކުރުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، އެ ފަދަ އަމަލުތައް ތަކުރާރު ކުރުމުގެ ފުރުޞަތު ދިނުން ހުއްޓައިލުމަށް ސްވިޑެންގެ ސަރުކާރުން ގޮވައިލާފައެވެ.

މި ހާދިސާއާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯ.އައި.ސީގެ ކުއްލި ބައްދަލުވުމަށް ފަހު އެ ޖަމުޢިއްޔާއިން ބުނީ ބުނީ ދީނީ ނަފުރަތު ފަތުރާ އަމަލުތައް ހުއްޓުވަން ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ބޭނުން ހިފަންޖެހޭ ކަމުގައެވެ. އަދި، އެ ކަން ހާސިލުކުރެވޭނީ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަމުގައެވެ. 57 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ އޯ.އައި.ސީގެ ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވެސް ބައިވެރިވެ، ކީރިތި ޤުރުއާނުގެ ހުރުމަތް ކެނޑުމުގެ މުޑުދާރު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރިއެވެ.

މުޞްޙަފުގެ ހުރުމަތް ކެނޑުމުގެ ފުރުޞަތު ދިން މައްސަލައިގައި އީރާނުން ވެސް ވަނީ ސްވިޑެނަށް އެ ޤައުމުގެ އައު ސަފީރަކު ފޮނުވަން ދެކޮޅު ހަދާފައެވެ. އެ އިޙުތިރާމު ކުޑަ، ދަށުދަރަޖައިގެ ހަޑިމުޑުދާރު އަމަލު ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރުޢަބްދުاللهހިއަން ވިދާޅުވީ، އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އެ ޤައުމަށް އީރާނުގެ ސަފީރަކު ފޮނުވުން މަޑުޖައްސައިލައްވާފައިވާ ކަމުގައެވެ.

މުޞްޙަފުގެ ހުރުމަތް ކެނޑި މުމީކާ ދެކޮޅަށް ދަޢުވާ ކުރަން ސްވިޑެންގެ ފުލުހުން މިހާރު ވަނީ ހުށަހަޅާފައެވެ. އޭނާއާ ދެކޮޅަށް ދަޢުވާ އުފުލަނީ ވަކި ނަސްލެއް ނުވަތަ ބަޔަކާ ދެކޮޅަށް ނަފްރަތު އުފައްދަން މަސައްކަތް ކުރުމުގެ ކުށުގައެވެ. ކީރިތި ޤުރުއާނާއި މުސްލިމުންނާ ދެކޮޅަށް ނަފްރަތު ފެތުރުމުގެ ބޭނުމުގައި މުޒާހަރާތައް ބޭއްވުމަށް ހުއްދަ ދިނުން ސްވިޑެންގެ ފުލުހުން ވަނީ ހުއްޓައިލާފައެވެ. ނަމަވެސް، އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤަށް އަރައިގަތުން ކަމަށް ކަނޑައަޅައި، ސްވިޑެންގެ ކޯޓަކުން ވަނީ އެ ފަދަ މުޒާހަރާތައް ބޭއްވުމުގެ ހުއްދަ ދޭން ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.